އިންވޮއިސް ކުރާ ހިސާބުން ޖީއެސްޓީ ދައްކަން ޖެހުމަކީ "އިގުތިސޯދީ ޖަރީމާއެއް" ކަމަށް ބުނެ ގަރާރެއް އިންވޮއިސް ކުރާ ހިސާބުން ޖީއެސްޓީ ދައްކަން ޖެހުމަކީ "އިގުތިސޯދީ ޖަރީމާއެއް" ކަމަށް ބުނެ ގަރާރެއް

ވިޔަފާރިތަކުން އިންވޮއިސް ކުރާ ހިސާބުން އެ ވިޔަފާރީގެ މުއާމަލާތަށް މުދަލާއި ހިދުމަތުގެ ޓެކްސް ނުވަތަ ޖީއެސްޓީ ދައްކަން ޖެހޭތީ ވިޔަފާރިތަކަށް ދަތިވެ، ޝަކުވާތައް އިތުރުވަމުންދާތީ އެކަމަށް ހައްލެއް ހޯދައިދޭން އެދި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް މިއަދު ހުށަހަޅައިފި އެވެ.
މަޖިލީހުގައި ކެޔޮދޫ ދާއިރާ ތަމްސީލުކުރައްވާ މުހައްމަދު ނިއުޝާދު (އެމްޑީޕީ) މި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަމުން ލިޔުއްވާފައި ވަނީ ގާނޫނުގައި މިހާރު އޮންނަ ގޮތުން، ފައިސާ ނުލިބެނީސް ޖީއެސްޓީ ދައްކަން ޖެހޭތީ ވިޔަފާރިތައް ހުއްޓި، އޭގެ ނުރަނގަޅު އަސަރު ވިޔަފާރިއަށް ކުރަމުންދާ ކަމަށެވެ.
"[ޖީއެސްޓީ ގާނޫނު އޮތް ގޮތުން] އެތަކެއް ވިޔަފާރިތަކެއް ހުއްޓި، އެތައް ބަޔެއްގެ ވަޒީފާތައް ގެއްލި، އެކަންކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިގުތިސޯދު ހީނަރުވެ، ނުހަނު ގިނަ ބައެއްގެ ދިިރިއުޏަށް ދަތިވާނެފަދަ ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެ ކަމަށް ފެންނާތީ، މި ކަމަކީ ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތު ހިމެނިގެންވާ ކަމެއްކަމަށް ވީ ސަބަބަށް ޓަކައި، މި ކަމާ މެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރުމަށް ޓަކައި [މަޖިލީހުގެ ގަވާއިދުގެ ދަށުން} މި މައްސަލަ ހުށަހެޅިން،" އޭނާގެ ގަރާރުގައި ވެ އެވެ.
ޖީއެސްޓީ ގާނޫނުގައި އޮންނަ ގޮތުން މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިން ވަގުތު ކަމަށް ބަލާނީ ދެ ވަގުތެކެވެ. އެއީ އެ މުދަލުގެ ނުވަތަ އިންވޮއިސް ތައްޔާރުކުރާ ވަގުތާއި މުދާ ގަންނަ ނުވަތަ ހިދުމަތް ލިބިގަންނަ ފަރާތުން އެ މުދަލުގެ އަގު އެކުގައި ނުވަ އެ އަގުން ބައެއް އަދާކުރާ ވަގުތެވެ.
ނިއުޝާދު ވިދާޅުވާ ގޮތުގައި އިންވޮއިސް ތައްޔާރުކުރާ ވަގުތުން ފެށިގެން ޖީއެސްޓީ ދެއްކުން ލާޒިމު ވިޔަސް، ފޯރުކޮށްދިން މުދަލާއި ހިދުމަތުގެ އަގަށްވާ ފައިސާ ނުލިބޭ މައްސަލައަކީ މިހާރަކަށް އައިސް ނުހަނު އާންމު ކަމެކެވެ.
މިހެންކަމުން ޓެކްސް ދައްކާ ވިޔަފާރިތަކުގެ ބާރު ހިނގާ ކަމަކަށް ނުވިޔަސް، އެއާ ގުޅުވައި ޓެކްސް ދައްކަން ލާޒިމުކޮށްފައި އޮތުމަކީ، އިންސާފުވެރި ގޮތެއް ނޫން ކަމަށް އޭނާގެ ގަރާރުގައި ވެ އެވެ. އަދި ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ ކުންފުނިތަކަށް މުދަލާއި ހިދުމަތެއް ފޯރުކޯށްދިނުމަށް ފަހު، އެ އިންވޮއިސްތަކުގެ ފައިސާ ވެސް ނުލިބެ އެތައް ދުވަހެއް ފާއިތުވާ ކަމަށް ވިޔަފާރިތަކުގެ ކަންބޮޑުވުން އެބަހުރި ކަމަށް ވެސް އެ ގަރާރުގައި ވެ އެވެ.
ވިޔަފާރިތަކަށް ފައިސާ ނުލިބުނު ނަމަވެސް، އިންވޮއިސް ތައްޔާރުކުރި ކަމަށް ޓަކައި އޭގައި ހިމެނޭ ޖީއެސްޓީ ނުދެއްކުމުން ދައުލަތަށް ޓެކްސް ނުދައްކާ ބަޔެއްގެ ގޮތުގައި ކަނޑައަޅައި، މަސައްކަތް ހަވާލުކުރުން ހުއްޓާލުމަކީ، ދައުލަތުން ނިޒާމީ ގޮތެއްގައި ވިޔަފާރިތަކާ މެދު ހިންގަމުންދާ އިގުތިސޯދީ ޖަރީމާއެއް ކަމަށް ބެލުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށް ގަރާރުގައި ވެ އެވެ.
މަޖިލީހަށް މި މައްސަލަ ހުށަހެޅެނީ، ސަރުކާރުން ވިޔަފާރިތަކަށް ދައްކަން ޖެހޭ ފައިސާތައް ނުދައްކައި، ޓެކްސް ދައްކަން މަޖުބޫރުކުރަމުންދާ ކަމުގެ ޝަކުވާ ބޮޑު ދަނޑިވަޅެއްގަ އެވެ. މި ޝަކުވާތަކުގެ ތެރޭގައި ގިނައީ ސަރުކާރަށް ދިން ހިދުމަތަކަށް ނުވަތަ މުދަލަށް ދައްކަން ޖެހޭ ފައިސާ ނުލިބި ދިގުލައިގެންދާ މައްސަލަތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ