ފްލެޓަށް ކުލި ނުދައްކަނީ ހިލޭ ބިންދީފައި އޮތުމުން: ޔާމީން

ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމްތަކުން ދޫކޮށްފައިވާ ފުލެޓްތަކަށް ކުލި ނުދައްކަނީ ބަޔަކަށް ހިލޭ ބިންދީފައި އޮތުމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ސޯޝަލް ހައުސިން ޔުނިޓުތަކަށް ގަވާއިދުން ކޮންމެ މަހަކު ދައްކަންޖެހޭ ކުލި ގިނަ ފަރާތްތަކުން ދައްކަމަކުން ނުދެ އެވެ.
ކުލި ދެއްކުމާއި ގަވާއިދާ ހިލާފަށް އެ ތަންތަން ކުއްޔަށް ދިނުންފަަދަ ކަންކަން ކުރާ ނަމަ ފްލެޓު އަތުލުމުގެ ބާރު އެޗްޑީސީއަށް އޮވެ އެވެ. އެކަމަކު މިހާތަނަށް އެފަދަ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާއިރު، އެޗްޑީސީން ހަމައެކަނި ކުރާ ކަމަކީ ކޮންމެ ތިން މަހަކުން ނޯޓިސް ފޮނުވުމެވެ.
ބުނީ ކީކޭ؟ - ކުލި ނުދައްކާ ފުލެޓުތަކުގެ ވެރިންނަށް ނޯޓިސް ފޮނުވާތީ އެ ކަމަށް ފާޑުވިދާޅުވެ، ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވާހަކަދެއްކެވި އެވެ.
"މިހާރު މިދައްކާ ވާހަކައަކީ ފުލެޓުތަކަށް ކުލި ނުދައްކާ މީހުން އެތަންތަނުން ބޭރުކުރަން ނޯޓިސް ފޮނުވަނީ. މިއީ ކުރެވޭނެ ކަމެއް ނޫން. ދިވެހި ރައްޔިތުން އެތާ އެ ތިބީ. އެ ތަން ބިނާކޮށްފައި އެއޮތީ ރައްޔިތުންގެ ފައިސާއިން،" ޔާމީން ވިދާޅުވި އެވެ.
އެ ތަންތަނުގެ ވެރިން ގަވާއިދުން ކުލި ނުދައްކާ ހިސާބަށް ދާން ޖެހުނީ ސިޔާސީ ބޭނުމުގައި ވެރިން ކަންކުރެއްވި ގޮތުން ކަމަށް ޔާމީން ވިދާޅުވި އެވެ. އެގޮތުން، އެ މަނިކުފާނު ވިދާޅުވީ:
އެންމެ ފުރަތަމަ މި ސަކަރާތް ޖެއްސެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު؛ އެމްޑީޕީ މީހުންނަށް ފުލެޓުތައް ދެއްވި
ދެން އެމްޑީޕީ ސަރުކާރުގައި ވެރިކަމަށް ވަޑައިގަތް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ކަންކުރެއްވީ އެގޮތަށް
މިހާރު މައްސަލަ ޖެހިގެން މިއުޅެނީ ރައީސް ސޯލިހު އިންތިހާބު ކައިރިވުމުން ގަވާއިދާ ހިލާފަށް ފޮތިފޮތިކޮށްފައި ހިލޭ ބިން ދޫކުރުމުން
މި ސަރުކާރު އައިސް އެޗްޑީސީ މެދުވެރިކޮށް ރައީސް މުހައްމަދު މުއިއްޒު ވެސް ކުރެއްވީ އެކަން
"ދެން އެ ތަން ފޮތިފޮތިކޮށްފައި ދިނުމުގެ ނަތީޖާއަކީ އެ ފޮތިފޮތިކޮށްފައި ދިން މީހުންނަށް ބިން ލިބުނީ ހިލެއޭ. ހިލޭ ބިން ލިބުނީމާ ކިހިނެއްހޭ ކުލި ދައްކާކެން ތިބޭ މީހުން، އެ މީހުން ގަބޫލެއް ނުކުރެޔޭ ކުލި ދައްކަންޖެހޭނެ ކަމަކަށް،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ފޮތިފޮތިކޮށް އެ ބިންތައް ހިލޭ ދެވިގެން ނުވާނެ ކަމަށާއި އެއީ އެއްވެސް ސަރުކާރެއްގެ މުދަލެއް ނޫން ކަމަށެވެ. ބޯހިޔާވަހިކަމަކީ އެންމެ ހައްސާސް އަސާސީ އެއް ހައްގު ކަމަށްވާއިރު، އެކަން ކުރާއިރު ޕާޓީގެ ފިކުރަށް ބަލައިގެން ނުވާނެ ކަމަށާއި އެކަމުގައި ކޮންމެ މީހަކު ހަމަހަމަވާންޖެހޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުން:
އެއް ބަޔަކު ދިރިއުޅެނީ ހިލޭ ލިބުނު ބިންކޮޅުގައި ބުރިބުރިއަށް ގެ ހިއްލައިގެން އެ ތަންތަން ކުއްޔަށް ވެސް ދީގެން
އަނެއް ބަޔަކު ދިރިއުޅެނީ ޒަރޫރީ ބޭނުންތަކަށް ހަދާފައި ހުރި ހައުސިން މަޝްރޫއުއެއްގެ ފުލެޓެއްގައި ކުލި ދައްކައިގެން ނުވަތަ ކުލި ނުދެއްކޭތީ އެ ތަން ކުއްޔަށް ދީގެން
"[ކުއްލި ދައްކައިގެން އުޅޭ] އެ ނިކަމެތިން ކައިރީގައި މި ބުނަނީ ފައިސާ ނުދައްކަންޏާ ކަލޭމެން ނިކުންނާށޭ. އެކަމު ހިލޭ ކަފާފަ ބިން ދިން މީހުން އެތިބީ ބިން ހިފައިގެން އެއްވެސް ކުށެއް ނުފެނޭ. މިހާރު ހިޔާ ފެސިލިޓީގައި ތިބި މީހުން ނޫޅޭ މިކަންކަން ބަލާކަށެެއް. އެއްވެސް ކަމެއް ބަލާކަށް ނޫޅެ،" ޔާމީން ވިދާޅުވި އެވެ.
އެނގުން މުހިންމު - ގަވާއިދުން ކުލި ނުދައްކާ މައްސަލަ ހައްލުކުރުމަށް، މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ރަށްރަށުގައި ތަރައްގީކޮށްފައިވާ ހައުސިން ޔުނިޓްތަކުން، މަހުން މަަހަށް ދައްކަން ޖެހޭ ފައިސާގެ %20 މި ސަރުކާރުން އޮތީ މާފް ވެސް ކޮށްދީފަ އެވެ.
އެއަށް ފަހު ގަވައިދުން ކުލި ދެއްކުމަށާއި ނުދައްކާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް މިދިޔަ އޮގަސްޓު މަހު ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ. ނަމަވެސް އަދިވެސް ގިނައީ އެ ތަންތަނަށް ކުލި ނުދައްކާ މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ