ކަޕިލް ޝަރުމާގެ ޝޯއަށް ސިދޫ އެނބުރި އަތުވެއްޖެ، ޝޯ ދެން ކުރިއަށްވުރެ ފޯރިގަދަވާނެ
ނެޓްފްލިކްސްއިން ގެނެސްދެމުން އަންނަ "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގެ ތިންވަނަ ސީޒަންއަށް ކުރީގެ ކްރިކެޓް ކުޅުންތެރިޔާ ނަވްޖޮތު ސިންގް ސިދޫ ގުޅިއްޖެއެވެ. ސިދޫގެ ނަމުން ގިނަ ބަޔަކު ދަންނަ ކުޅުންތެރިޔާ ކަޕިލް ޝަރުމާގެ ޝޯގައި ޚާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެފައި ވަނީ 2013ވަނަ އަހަރުން ފެށިގެން 2019ވަނަ އަހަރާ ހަމައަށެވެ. ސިދޫ އެނބުރި އަޔަސް އެ ޝޯއިން މިހާރު ވެސް ފެންނަ އަރުޗަނާ ސިންގް ޝޯއިން ފެންނާނެ ކަމަށާއި މެހެމާނުންގެ ގޮނޑި ފުރާނީ ދެ މީހުން އެކުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އިންޑިއާގެ މަޝްހޫރު ކޮމީޑިއަން އަދި މިހާރު ފިލްމުތަކުން ވެސް ފެންނަ އެކްޓަރު ކަޕިލް ޝަރުމާ ގެނެސްދެމުން އަންނަ ކޮމެޑީ ޝޯ "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"އަކީ ނެޓްފްލިކްސްއިން ގެނެސްދޭ ރިއަލިޓީ ޝޯތަކުގެތެރެއިން އާއްމުންގެ މެދުގައި އެންމެ ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ އެއް ޝޯއެވެ. "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގެ ޕްރޮމޯގެ މަންޒަރެއް--ފޮޓޯ/ފިލްމުފެއަ ސިދޫގެ އެނބުރި އައުމާއެކު މި ޝޯ އިހުނަށްވުރެ އެތައް ގުނައެއް ފޯރިގަދަވާނެ ކަމަށާއި ބެލުންތެރިންގެ ފަރާތުން މިހާރު ވެސް ލިބެމުން އަންނަ ތަރުހީބު ޝޯއަށް ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް ކަޕިލް ވަނީ ބުނެފައެވެ. ސިދޫ ކަޕިލްގެ ޝޯއިން ވަކިވީ 2019ވަނަ އަހަރު ޖައްމޫ ސްރީނަގަރު ހައިވޭގައި ދިން ޕުލްވަމާ ހަމަލާއާ ގުޅިގެން ދެކެވުނު ވާހަކަތަކަށް އާއްމުންގެ ފަރާތުން ފާޑުކިޔުންތަކެއް ރައްދުވުމުންނެވެ. އޭގެފަހުން ސިދޫ ވަނީ މިދިޔަ އަހަރު ގެނެސްދިން "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގެ ދެވަނަ ސީޒަންގައި މެހެމާނެއްގެ ގޮތުން ބައިވެރިވެފައެވެ. "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގެ ތިން ވަނަ ސީޒަން ނެޓްފްލިކްގައި ސްޓްރީމްކުރަން ފަށާނީ މި މަހުގެ 21ވަނަ ދުވަހުން ފެށިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ