ދެކުނުގެ ރަށްތަކަށް މޫސުން ގޯސްވެ، ވައިޓް އެލާޓް ނެރެފި

ދެކުނާއި އުތުރުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން މިހެން ބުނެފައިވަނީ، މިއަދު ހަވީރު 18:00 އާ ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ. އެގޮތުން ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ހަތް މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައި ވެއެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް މެޓުން ބުނެއެވެ. ކަނޑުތަކަށް ބަލައިލާއިރު ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެކަމަށް ބުނެފައިވެއެވެ. އަދި ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކޮށްފައިވަނީ ދެ ފޫޓާއި ފަސް ފޫޓާއި ދެމެދުގައި ކަމަށް މެޓް އިން ލަފާ ކޮށްފައިވެއެވެ.
ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެތީ އެކަމަށް ސަމާލުވުމަށް މެޓް އިން ވަނީ އެދިފައެވެ. މީގެ އިތުރުންވެސް މިއަދު ހެނދުނު 10:30ގެ ނިޔަލަށް މެޓް އޮފީހުން ވަނީ ލ .އަތޮޅުން އައްޑުއާ ހަމައަށް ވައިޓް އެލާޓް ވެސް ނެރެފައެވެ.
ހޫނު ގަދަ ދުވަސްތަކަކަށްފަހު ވިއްސާރަ ދުވަސްވަރެއް ކުރިމަތި ވަމުން އަންނަ އިރު ވާރޭ ނުވެހި ދުވަސްތަކެއްވުމާ ގުޅިގެން ބައެއް ރަށްރަށުން ވާރޭ ފެން ހުސްވެ، ބޯފެނުގެ ދަތިކަން ވެސް ކުރިމަތިވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ