ކްލަބް ވޯލްޑް ކަޕްގެ ފައިނަލުން ޗެލްސީ ޖާގަ ހޯދައިފި

އެމެރިކާގައި މިހާރު ކުރިއަށް ދާ ފީފާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުން އިންގްލިޝް ޕްރިމިއާ ލީގަށް ނިސްބަތްވާ ޗެލްސީއިން ޖާގަ ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލުން ޗެލްސީ ޖާގަހޯދީ ރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބްރެޒިލްގެ ފުލުމިނެންސޭ އާއި ބައްދަލުކުރި މެޗު ދެ ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްގެންނެވެ. ނިއުޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި 70،556 ކުޅިބެލުންތެރިން ކުރިމަތީ ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއިންނެވެ. މި މެޗުގެ ފެށުން ރަނގަޅުވީވެސް ޗެލްސީގެއެވެ. މިގޮތުން މެޗުގެ 18 ވަނަ މިނެޓުގައި ޗެލްސީއިން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގައިދީފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ މި މުބާރާތުގެ މެދުތެރެއިން ޓީމާ އަލަށް ގުޅުނު ޖާއޮ ޕެޑްރޯއެވެ. މިއީ އޭނާ ޗެލްސީ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ. ޕެޑްރޯ އަކީ ފުލުމިނެންސޭގެ ޔޫތު އެކަޑަމީއިން އައި ކުޅުންތެރިއެއް ކަމުން އޭނާ ލަނޑު ޖެހުމަށްފަހު އުފާފާޅު ކޮށްފައެއް ނުވެއެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ފުލުމިނެންސޭއަށް ޕެނަލްޓީއެއް ރެފްރީ ދިން ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ވަނީ އެއީ ޕެނަލްޓީއެއް ނޫންކަމަށް ނިންމާފައެވެ. މި މެޗުގައި ޗެލްސީގެ ދެވަނަ ލަނޑު މެޗުގެ 56 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ވެސް ޕެޑްރޯއެވެ. މި މެޗުގައި ޗެލްސީއަށް އެ ޓީމުގެ ލަނޑުގެ އަދަދު އިތުރު ކުރާނެ ގިނަ ފުރުސަތު ތަކެއް ލިބިގެންދިޔަކަން ފާހަގަ ވެގެންދިޔައެވެ. ހާއްސަކޮށް ކްރިސްޓޮފާ އެންކުންކޫއަށް ލިބިގެންދިޔަ ފުރުސަތުތައް ފާހަގަވެގެންދިޔައެވެ. ފުލުމިނެންސޭއަށް ބަލާލާއިރު ހާކިއުލީސް ފޮނުވާލި ހަމަލާއެއް ޗެލްސީއިން ވަނީ ގޯލް ރޮނގުމަތިން ދިފާއު ކޮށްފައެވެ. އަދި އެވަރާލްޑޯ ވެސް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައިވެއެވެ. މި ކާމިޔާބީ އާއެކު ޗެލްސީއިން ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައިވާއިރު ފައިނަލްގައި އެ ޓީމު ބައްދަލުކުރާނީ ރެއާލް މެޑްރިޑާއި ޕެރިސް ސެއިންޓް ޖާމެއިން ބައްދަލުކުރާ ދެވަނަ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކާއެވެ. ރޭގެ މެޗުން މޮޅުވުމާއެކު ޗެލްސީއަށް މި ވަނީ މި މުބާރާތުގައި މިހާތަނަށް ލިބިފައިވާ 60 މިލިއަން ޕައުންޑްގެ އިތުރަށް 22 މިލިއަން ޕައުންޑް ލިބޭނެކަން ކަށަވަރު ވެގެން ގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ