ބޭސްހޯދަން އާ ކުންފުންޏެއް ހެދުމުން ވާނީ ބޮޑު ޚަރަދަކަށް، އިތުރު އުނދަގުލަކަށް: އަމްރު

ބޭސް ހޯދަން ލުއިފަސޭހަ ކުރަންކަމަށް ބުނެ ދައުލަތުގެ އާ ކުންފުންޏެއް އުފެއްދުމުން، އެ ކަން ވާނީ އިތުރު ބޮޑު ޚަރަދަަކަށް ކަމަށާއި، ލިބޭނީ ވެސް އިތުރު އުނދަގޫކަމަށް ދައުލަތުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން އަމްރު މުޙައްމަދު ރަޝާދު ރޭ ވިދާޅުވެއްޖެއެވެ. ރާއްޖެއަށް ބޭނުންވާ އަސާސީ ބޭސް އެެތެރެކުރަން ސަރުކާރުން ވަކި ކުންފުންޏެއް ހަދަން ނިންމައިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ މިދިޔަ މަހުގެ ތެރޭ ވަނީ ވިދާޅުވެފައެެވެ. އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމްގައި، އެކަމަށް ފާޑު ވިދާޅުވަމުން އަމްރު ވިދާޅުވީ ރައްޔިތުންނަށް ބޭސް ލިބުން ދަތިވެފައިވަނީ އެއްވެސް ކުންފުންޏެއްގެ މައްސަލައަކާ ހެދި ނޫން ކަމަށެވެ. އަދި ކުއްލިއަކަށް ކަންކަން ނިންމަނީ އެއްވެސް ސިޔާސަތެއް، ދުރު ވިސްނުމެއް ނެތިކަމަށް އަމްރު ވިދާޅުވިއެވެ. އެހެންވެ، އެކި ނަންނަމުގައި ކުންފުނިތައް އުފެއްދުން މި ސަރުކާރުގައި އާންމުވެއްޖެ ކަމަށެވެ. "އެެހެންވީމާ ކަންކަމަށް ހައްލު ހޯއްދަވާއިރުގައި އެ މައްސަލަ އައިސްގެން މި އުޅެނީ ކޮންތާކުން ކިހާ ހިސާބަކުން ކަން ދެނެގަނެ އެ ކަންކަމަށް ހައްލު ގެނައިމާ އެ ކަން ހައްލުވެގެން އެބަދޭ. އެހެންވީމާ ކޮންމެހެން މުހިންމީ އާ ކުންފުންޏެއް ހެދުމެއް ވެސް ނޫން،" އަމްރު ވިދާޅުވިއެވެ. އަމްރު ވިދާޅުވީ ބޭސް އެތެރެކުރުމަކީ އެސްޓީއޯއާއި، އަމިއްލަ ވިޔަފާރިތަކުން ޒަމާނުއްސުރެ ކުރަމުން އަންނަކަމެއް ކަމަށެވެ. އެހެން އެ ކަން އޮއްވައި، އާ ކުންފުންޏެއް ހަދައިގެން ވާނީ އިތުރަށް އުނދަގޫ ކަމަށް އަމްރު ވިދާޅުވިއެވެ. އެއީ، އަމިއްލަ ކުންފުނިތަކާއި، އެސްޓީއޯއިން ވެސް ބޭސް އުފައްދާ ކުންފުނިތަކާއެކު ހުންނަނީ ދިގު މުއްދަތަށް އެއްބަސްވުންތައް ހަަދައިފައި ކަމަށާއި، އާ ކުންފުންޏެއް އައުމުން އެ ކުންފުންޏަށް ބޭސް ހޯދަން ދުވަސް ނަގާނެ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ އާ ކުންފުންޏެއް އުފެއްދުމަކީ އިތުރު ބޮޑު ޚަރަދެއް ހިނގާނެ ކަންތައް ކަމަށެވެ. އެގޮތުން އެތަނަށް މެނޭޖިން ޑިރެކްޓަރަކާއި، އިތުރު ވެރިންނާއި، މުވައްޒަފުންނާއި، އޮފީސް ހަމަޖައްސާށާއި އެހެނިހެން ޚަރަދުތަކަށް އިތުރު ފައިސާއެއް ނޫނީ ނުހިނގާނެކަމަށް އަމްރު ވިދާޅުވިއެވެ. އަމްރު ވިދާޅުވީ މަސައްކަތް ކުރަންވީ، ފާމަސީތަކަށް ހުރި ދަތިތައް ދެނެގަނެ، އާސަންދައިގެ އަގުތައް ހުރިނެތް ގޮތް ބަލައި، ކަންކަން ފަސޭހަވާނެ ގޮތްތަކެއް އިޚްލާސްތެރި ނިޔަތެއްގައި ހޯދުމަށް ކަމަށެވެ. މީގެ އިތުރުން ބޭސް ވިޔަފާރިކުރާ ފަރާތްތަކަށް ފަސޭހައިން ޑޮލަރު ލިބޭނެ މަގާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ތެރެއިން ލުއިދެވެން ހުރި ކަންކަމަށް ލުއިދިނުމުން މައްސަލަ ހައްލުވާނެކަމަށް އަމްރު ވިދާޅުވިއެވެ. https://sun.mv/205542 ބޭސް ލިބުން ދަތިވެގެން މީގެ ދެތިން މަސްކުރިން އާންމު ރައްޔިތުންގެ ވަރަށް ގިނަ ޝަކުވާތަކެއް ސޯޝަލް މީޑިއާގައި ދައުރުވިއެވެ. އެ ކަން ސަރުކާރަށް ވެސް އެނގޭކަމަށް އެންމެ ފަހުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ބޭއްވެވި ރެކޯޑު ހެއްދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ އެހެން އެ ކަން މެދުވެރިވީ އާސަންދައިން ބޭހަށް ކުރާ އިސްރާފު ކުޑަކުރަން އަގުތައް ވަކި ހަމައަކަށް ދަށްކުރުމުން، ބޭސް އެތެެރެކުރާ ވިޔަފާރިތަކުން ކުއްލިއަކަށް ބޭސް ރާއްޖެ އެތެރެކުރުން ހުއްޓައިލުމުންނެވެ. އަދި އެ ކަން ކުރީ އެސްޓީއޯއަށް ތައްޔާރުވާނެ ވަގުތު ނުދީކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ