އާޒިމާގެ މައްސަލަ ބައްލަވާ ގާޒީ އަނެއްކާ ވެސް ބަދަލުވުމުން އަލުން އިބްތިދާއީ މަރުހަލާ ފަށައިފި

ކުރީގެ ބަންޑާރަ ނައިބު އަދި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުކަން ކުރެއްވި އާޒިމާ ޝަކޫރުގެ މައްޗަށް ކުރާ ދެ ދައުވާގެ މައްސަލަ ބައްލަވާ ގާޒީ ބަދަލުވުމުން އެ މައްސަލަ އަލުން ދައުވާ އިއްވުމާ ހަމައިން މިއަދު ފަށައިފި އެވެ. މިއީ އާޒިމާގެ މައްސަލައިގައި ގާޒީ ބަދަލުވި ތިން ވަނަ ފަހަރެވެ.
މައްސަލައިގެ ފެށުން - އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ 1 މިލިއަން ޑޮލަރު، އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ އެކު ކުރީގެ ރައީސް އަބްދުﷲ ޔާމީން އެއްބަސްވުން ހެދި ނަމަވެސް، ޔާމީން އެ އެކައުންޓަށް ޖަމާ ކުރެއްވީ އެހެން ގޮތަކުން ހޯއްދެވި ފައިސާ އެވެ.
އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ ލިޔުންތައް ފޮނުވުމުގައި އޭރުގެ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ އަމަލުކުރެއްވީ ގާނޫނާ ހިލާފަށް ކަމަށް ބުނެ 2019ގައި އޭނާގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާއެއް ކޮށްފަ އެވެ.
އާޒިމާގެ މައްޗަށް ދައުލަތުން ކުރަނީ:
ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ
މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ
ވީ ކިހިނެއް؟ - އާޒިމާގެ މައްސަލަ ކްރިމިނަލް ކޯޓުން މިހާރު ހަވާލުކޮށްފައި ވަނީ ގާޒީ އަލީ އާދަމްއާ އެވެ. އޭނާ މިއަދު ވަނީ މައްސަލަ އަލުން އިބްތިދާއީ މަރުހަލާއިން ފަށަން ނިންމަވައިފަ އެވެ.
އެނގުން މުހިންމު - މިއީ އާޒިމާގެ މައްސަލައިގައި ގާޒީ ބަދަލުވި ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ މައްސަލަ ބެއްލެވީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމެވެ. ހައިލަމް އިސްތިއުފާ ދެއްވުމުން ދެން މައްސަލަ ބެއްލެވީ ގާޒީ ހަސަން ސައީދެވެ.
މިއަދު އެ މައްސަލައިގައި އޮތް އަޑުއެހުމުގައި ދައުލަތުން ވަނީ އާޒިމާގެ މައްޗަށް ކުރާ ދައުވާތައް އަލުން އިއްވައިފަ އެވެ. އެ ދައުވާތައް އިއްވުމުން އާޒިމާގެ ފަރާތުން ދައުވާތަކަށް އިންކާރު ކުރި އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި އެ ދައުވާތަކަކީ ކުރެވޭނެ ދައުވާތަކެއް ނޫނެވެ.
މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ހެކި ހުށަހެޅުން ކަމަށެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް ގއ. ވޮޑަމުލާ މައްސަލައިގައި ކުރި ދައުވާ ސާބިތު ނުވާ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ހަވާލާދީ، އެ ހުކުމުގެ ސަބަބުން އާޒިމާގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް އޭނާގެ ފަރާތުން މިއަދު ކޯޓުގައި ބުނެފައިވެ އެވެ.
ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރި ސަބަބު:
ޔާމީންގެ
އިސްލާމިކް ބޭންކު އެކައުންޓަށް ޖަމާވި 1 މިލިއަން ޑޮލަރު އެ މަނިކުފާނާއި
އޭސީސީއާ ދެމެދު ހެދި އެސްކްރޯ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ
އޭސީސީއަށް އާޒިމާ ދޮގު މައުލޫމާތު ދެއްވި ކަމަށް ދައުލަތުން ބުނޭ
ޔާމީން އެސްކްރޯ އެކައުންޓަށް ޖަމާ ކުރެއްވީ ގޯއްޗެއް ވިއްކައިގެން ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ހޯއްދެވި 1 މިލިއަން ޑޮލަރު
މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ ކުރި ސަބަބު:
އާޒިމާ އެސްކްރޯ
އެކަައުންޓް އެގްރިމެންޓާ ހިލާފަށް ފައިސާ ޖަމާކޮށް ބޭންކް އޮފް
މޯލްޑިވްސް (ބީއެމްއެލް)އިން ވަކި ގޮތަކަށް ލިޔުން ހޯއްދެވި ކަމަށް ދައުލަތުން ބުނޭ
އެ ލިޔުމުގެ ޒަރިއްޔާއިން އެސްކްރޯ އެކައުންޓަށް ޖަމާކުރި ފައިސާގެ އަސްލު އޮޅުވާލައި މަނީ ލޯންޑާ ކުރަން މަގުފަހިކޮށްދިން ކަމަށް ވެސް ބުނޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ