ޢަރަބިއްޔާ ސްކޫލް ޢިމާރާތް ކުރުން ސިޔާސީ ނުކުރައްވާ: ބެލެނިވެރިން

ޢަރަބިއްޔާ ސްކޫލްގެ އައު ޢިމާރާތުގެ ބިންގާ އަޅާނީ ވޯޓްލާ ދުވަހުގެ ކުރީދުވަހުތޯއާ އެކަން ސިޔާސީ ކުރައްވަނީތޯ ސުވާލު އުފައްދާ އެ ސްކޫލްގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިއަދު ހެނދުނު ބެލެނިވެރިން އެއްވެ ޝުޢޫރު ފާޅުކޮށްފައިވަނީ ޢަރަބިއްޔާ ސްކޫލްގެ އައު ޢިމާރާތް އަޅުއްވާދެއްވާނެ ކަމަށް ރައީސް އިބުރާހީމް ވިދާޅުވެފައިވާ ބައު ޖަމާލުއްދީނު ސްކޫލްގެ ގޭޓު ކުރިމަތީގައެވެ.
ބެލެނިވެރިން އެއްވެ ކުރިއަށްގެންދިޔަ ހިމޭން އިހުތިޖާޖުގައި ބެލެނިވެރިންގެ ފަރާތުން ވާހަކަދައްކަވަމުން ޔޫސުފް ޢަބްދުﷲ ވިދާޅުވީ ޢަރަބިއްޔާގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަނީ 2021ވަނަ އަހަރުގެ ޑިސެމްބަރު މަހު ޢަރަބިއްޔާ ސްކޫލްގެ އައު ޢިމާރާތް ބައު ޖަމާލުއްދީން ބިމުގައި އަޅުއްވާ ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވީނަމަވެސް މިއަދާހަމައަށް ވެސް މަސައްކަތް ފެށިފައި ނުވާތީ ކަމަށެވެ.
ޔޫސުފް ވިދާޅުވީ ބިންސާފު ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އެ މަސައްކަތް މިހާރުވެސް އޮތީ ހުއްޓިފައި ކަމަށާމި ބެލެނިވެރިންގެ ކަންބޮޑުވުންތަކާއި ސުވާލުތައް ވަރަށް ގިނަކަމަށާ އަދި މަސައްކަތް ފެށޭނީ ކޮންއިރަކުންތޯ ސާފުވާން ބޭނުންވާ ކަމަށެވެ.
ޢަރަބިއްޔާ ސްކޫލްގެ އައު ޢިމާރާތުގެ ބިންގާ އެޅުން ލަސްވަނީ ވޯޓުލާ ދުވަހުގެ ކުރީދުވަހަށްތޯ އައްސަވާ ޔޫސުފް ވަނީ ޢަރަބިއްޔާ ސްކޫލްގެ ޢިމާރާތުގެ ކަންކަން ސިޔާސީ ނުކުރައްވާ ވީހާ އަވަހަކަށް ޢިމާރާތް އަޅައިދެއްވުމަށް ސަރުކާރަށް ގޮވާލައްވައިފައެވެ.
ޢަރަބިއްޔާ ސްކޫލްގައި ކިޔަވަމުންއަންނަ 800 އެއްހާ ދަރިވަރުން  ދެވަނަ ފަހަރަށް މަގުމަތިވެފައި ވަނީ ޗާންދަނީ މަގުގައި އެ ސްކޫލް ހިންގަމުން އައި ޢިމާރާތް ބައުވެ، ތަނބު ތަކުގައި ރެނދު އެޅުމުން އެ ޢިމާރާތް ބޭނުން ނުކުރުމަށް ދާއިރާގެ ފަންނީ ބޭފުޅުން ލަފާދެއްވުމުން އެ ޢިމާރާތް ހުސްކުރުމާއި ގުޅިގެންނެވެ. .
2021ވަނައަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެ ސްކޫލްގެ ކިޔެވުން ކުރިއަށްދަނީ އެމްޓީސީސީން ޢިމާރާތް ކޮށްފައިވާ ވަގުތީ އޮފީސް ޢިމާރާތެއްގައެވެ.
ދައުރު ނިމުމުގެ ކުރިން ބައު ޖަމާލުއްދީން ބިމުގައި ޢަރަބިއްޔާ ސްކޫލް ޢިމާރާތްކޮށްދެއްވާނެ ކަމަށް ރައީސް އިބުރާހީމް ވިދާޅުވީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ