ރައީސް ޔާމީން ވެރިކަމަށް ގެންނަން މި އުޅެނީ ރައްޔިތުން އެދޭ ތަރައްގީ ހޯދަން: އަބްދުއްރަހީމް

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމިން އަބްދުލްގައްޔޫމު އަނބުރާ ވެރިކަމަށް ގެނައުމުގެ މަސައްކަތް އިދިކޮޅުން ކުރަނީ ރައްޔިތުން ބޭނުންވާ ތަރައްގީ ހޯދައިދިނުމަށް ކަމަށް އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެ އެވެ. 
އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައިވަނީ ރޭ އިދިކޮޅުގެ މުޒާހަރާ ފެށުމުގެ ކުރިން ޕީޕީއެމް އޮފީސް ދޮރުމަތީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 
އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން އަނބުރާ ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރަނީ ދިވެހިންގެ ވެރިކަމެއް މި ގައުމުގައި ދެމެހެއްޓުމަށް ކަމަށެވެ. ދިވެހިން އެދޭ ތަރައްގީއާއި ކުރިއެރުން ހޯއްދަވާދެއްވާނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމިންކަމަށް އޭނާ ވިދާޅުވި އެވެ. 
Advertisement
"ޕީޕީއެމުން ރިޔާސީ އިންތިޚާބަށް މި ނިކުންނަނީ ދިވެހިގައުމުގެ މުސްތަގުބަލު އުޖާލާ ކުރުމަށްޓަކައި. ދިވެހި ޒުވާނުންގެ މާދަމާހެ މުސްތަގުބަލު އާރާސްތުކޮށް ދިނުމަށްޓަކައި. އަމާން ގައުމެއް ބިނާކޮށްދިނުމަށްޓަކައި. ފުދުންތެރި ރައްޔިތެއް މި ގައުމުގައި ބިނާކޮށްދިނުމަށްޓަކައި." 
ޕީއެންސީގެ ރައީސް އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ގައުމާއި ރައްޔިތުންގެ ހައްގުގައި ބަސް ވިދާޅުވާން ކެރިވަޑައިގަންނަވާ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން ކަމަށެވެ. 
ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ދެން ތިއްބެވި ހުރިހާ ސިޔާސީ ލީޑަރުންވެސް ތިއްބެވީ ސަރުކާރުން ބައި ލިބޭތީ، ސަރުކާރުން ކުރާ ނޭންގާނީ ކަންކަމުގެ ވާހަކަތައް ސިއްރުކޮށް ހިފަހައްޓައިގެން ކަމަށާއި، އެ ލީޑަރުންގެ ފުށުން ގައުމަށް ލިބޭނެ އެއްވެސް ފައިދާއެއް ނެތްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 
މިއީ ނިނުމަކަށް އަންނަން ޖެހޭ ކަމެއްކަމަށާއި، އެކަން ކުރުމަށް ރައީސް ޔާމީން އަނބުރާ ވެރިކަމަށް ގެނައުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ