ރައީސް މައުމޫން އާއި ސްރީލަންކާގެ ރައީސް ބައްދަލުކުރައްވައިފި

ކުރީގެ ރައީސް އަދި
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ރައީސް އަލްފާޟިލް މައުމޫން
އަބްދުލް ގައްޔޫމް، ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަ ސިންހައާ ބައްދަލު ކުރައްވައިފިއެވެ.
ރައީސް މައުމޫން މިވަގުތު ހުންނެވީ އަމިއްލަފުޅު ދަތުރުފުޅެއްގައި ސްރީލަންކާގައެވެ.
އެގޮތުން ބުރާސްފަތި ދުވަހު، ސްރީލަންކާގެ
ރައީސް އޮފީހުގައި ބޭއްވުނު މި ބައްދަލުވުމުގައި އެމްއާރްއެމް ގެ ރައީސް، ފާރިސް މައުމޫން ވެސް ވަނީ ބައިވެރިވެ ވަޑައިގަންފައެވެ.
Advertisement
މިކަމާއި ގުޅިގެން
އެމްއާރްއެމް އިން ކުރި ޓްވީޓެއްގައި ދެ ރައީސް  ލަންކާއާއި އާއި ދިވެހިރާއްޖެއާއި އޮތް ގާތް
ގުޅުން ފާހަގަ ކުރައްވާ، އެގުޅުން އިތުރަށް ވަރުގަދަކުރުމާއި ގުޅޭ ގޮތުން މަޝްވަރާ
ކުރައްވާފައިވާ ކަމަށް ވަނީ ބުނެފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮންނަ ހަރުދަނާ ގުޅުން ފާހަގަކުރައްވައި އެގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ވަކިން ޚާއްޞަކޮށް، އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި ދުވަސްވަރު ސްރީލަންކާގެ ސަރުކާރުން ދިވެހިރާއްޖެއާ މެދު ގެންގުޅުއްވި ގާތް ރަޙްމަތްތެރިކަމުގެ ހަރުދަނާ ސިޔާސަތަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.
ރައީސް މައުމޫން އެންމެ ފުރަތަމަ ރައީސް ވިކްރަމަ ސިންހައާ ބައްދަލުވެޑައިގެންނެވި ހަނދުމަފުޅު އާކުރައްވައި، ރައީސް ވިކްރަމަ ސިންހައާ އެންމެ ފުރަތަމަ ބައްދަލުވެވަޑައިގަތީ 1984 ވަނަ އަހަރު ރައީސް މައުމޫން ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކަމަށް ވިދާޅުވިއެވެ.
ސްރީލަންކާގެ ރައީސް، ވިކްރަމަސިންހަގެ ވާހަކަފުޅުގައި، ސްރީލަންކާއަށް ކުރިމަތިލާންޖެހުނު ދަތި އުނދަގޫ ޙާލަތުގައި ދިވެހިރާއްޖޭގެ ފަރާތުން އަބަދުވެސް ސްރީލަންކާއަށް ދެއްވަމުން ގެންދަވާ އެހީތެރިކަމާ އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.
ސްރީލަންކާ ސަރުކާރުންދޭ އެންމެ
މަތީ ޝަރަފު ކަމަށްވާ "މިތުރަ ވިބޫޝަނަ އެވޯޑް" އެ ޤައުމުން ވަނީ 2008 ވަނަ އަހަރު
ރައީސް މައުމޫނަށް އަރުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ