މުޅި ޕާކިސްތާނުގެ ތިންބައިކުޅަ އެއްބައި ފެނުއަޑީގައި، މޫސުން އަދިވެސް ގޯސް

ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މުޅި ޕާކިސްތާނުގެ ތިންބައިކުޅަ އެއްބައި މިހާރު އޮތީ ފެނުއަޑީގައި ކަމަށް ޕާކިސްތާނު ސަރުކާރުން ބުނެފިއެވެ.
މީހުން މަރުވުމާއި، ގެދޮރާއި، ބްރިޖްތަކާއި، މަގުތައް ހަކާލުވުމާއި، އެތައް މިލިއަން ބަޔަކު ހާލުގައި ޖެހިފައިވާއިރު، ޕާކިސްތާނަށް އަދިވެސް މޫސުން ރަނގަޅެއް ނުވެއެވެ.
މޫސުން ގޯސްވެ ޕާކިސްތާނުގެ ރަށްތަކަށް ވާރޭ ވެހެން ފަށާފައިވަނީ ޖޫންމަހުން ފެށިގެންނެވެ. އޭގެފަހުން، ބައެއް ރަށްތަކަށް މެދުނުކެނޑި ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ ނުރައްކާތެރި އެތައް ހާދިސާތަކެއް ހިނގައި އެތައްބަޔަކު ވަނީ މަރުވެފައެވެ.
ފެންބޮޑުވުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި ޖޫންމަހުން ފެށިގެން މިހާތަނަށް 1،136 މީހުން މަރުވެފައިވާ ކަމަށް ރެކޯޑްކުރެވިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 75 މީހުން މަރުވެފައި ވެއެވެ.
ބައެއް ބްރިޖްތަކާއި، މަގުތައް ހަލާކުވެ ފެނުގެ ސައިލާއެކު ދެމިގެންގޮސް، އެތައްސަތޭކަ އަވަށަކާ ގުޅުންކެނޑިފައިވާތީ، އެ އަވަށްތަކަށް ލިބުނު ގެއްލުންތައް އެނގުމުން މިހާތަނަށް މަރުވި މީހުންގެ އަދަދުވެސް އެތައްގުނަ އިތުރުވާނޭ ކަމަށް އޮފިޝަލުން ލަފާ ކުރައްވައެވެ.
ފެންބޮޑުވުމުގެ ސަބަބުން ޕާކިސްތާނުގެ އެކި ހިސާބުތަކުން މިހާތަނަށް ސަތޭކައަށްވުރެ ގިނަ ބްރިޖާއި، 3،000 ކިލޯމީޓަރުގެ މަގުތައް ހަލާކުވެފައި ވެއެވެ. އަދި ދެމިލިއަން އޭކަރުގެ ދަނޑުބިންތައް ހަލާކުވެ، އަށްލައްކަށްވުރެ ގިނަ ޖަނަވާރު މަރުވެފައި ވެއެވެ.
ވިއްސާރައިގެ އަސަރު ޕާކިސްތާނުގެ 33 މިލިއަން މީހުންނަށް ކޮށްފައިވާއިރު، އެންމެ ބޮޑެތި ގެއްލުންތައް ލިބިފައިވާ ރަށްތަކުގެ ތެރޭގައި ސިންދް ޕްރޮވިންސާއި، ބަލޫޗިސްތާން، ޕަންޖާބް އަދި ޚައިބަރް ޕަޚްތުންޚްވާ ހިމެނެއެވެ.
ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި، ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމާއި، މީހުން ސަލާމަތް ކުރުމުގެ މަސައްކަތްތަކުގައި ޓީމުތަކުން ހަރަކާތްތެރި ވަމުންދާއިރު، ފެންބޮޑުވެ، މަގުތައް ހަލާކުވުމުގެ ސަބަބުން ބައެއް ހިސާބުތަކަށް ޓީމުތަކަށް އަދިވެސް ނުދެވެއެވެ.
އެހީގެ މަސައްކަތްތަކުގައި އދގެ ޖަމާއަތްތަކާއި، ވޮލަންޓިއަރުންވެސް ގެންދަނީ ހަރަކާތްތެރިވަމުންނެވެ.
މޫސުމީ ކާރިޘާއާ ގުޅިގެން ޕާކިސްތާނު ސަރުކާރުންވަނީ އެގައުމުގައި އިމަޖެންސީ ހިންގާފައެވެ. އަދި އެހީދޭ ޖަމާއަތްތަކާއި، ރަހްމަތްތެރި ގައުމުތަކައި، ދުނިޔޭގެ އެހެން ގައުމުތަކުން ކާބޯތަކެއްޗާއި މާލީ އެހީތެރިކަމަށް އެދި އިލްތިމާސް ކޮށްފައެވެ.
ޕާކިސްތާނުގެ މި ގޮވާލުމަށް ދުނިޔޭގެ ބައެއް ގައުމުތަކުން މިހާރުވެސްވަނީ މާލީ އެހީގެ އަދަދުތައް އިއުލާންކޮށްފައެވެ. އަދި އިސްލާމީ އެކުވެރި ބައެއް ގައުމުތަކުން އެހީގެ ސާމާނާއެކު މަތިންދާ ބޯޓުތައް ފޮނުވަން ފަށާފައި ވެއެވެ.
ޕާކިސްތާނު ސަރުކާރުގެ ޕްލޭނިންގ މިނިސްޓަރ އަހްސަން އިގްބާލް ވިދާޅުވީ، މިވަގުތަށް އަންދާޒާ ކުރެވޭގޮތުންވެސް، ގައުމު އަލުން އާބާދުކުރުމަށް 10 ބިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު ބޭނުންވާނޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ