ސަރުކާރުގެ ސިޔާސަތަކީ އޮންލައިން ޕްލެޓްފޯމްތަކުގައިވެސް ދައުލަތާއި ރައްޔިތުން ހިމާޔަތްކުރުންކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ "ސައިބަރ އެކްސްޕޯ 2024"ގެ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވީ ރާއްޖެ ޓެކްނޮލަޖީގެ މަގުން ބާރު ދުވެލީގައި ކުރިއަރަމުން އަންނައިރު ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ހިމާޔަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށެވެ. އެގޮތުން ޤާނޫނުތައް ނަގަހައްޓާ، އަމާން މާހައުލެއް ރައްޔިތުންނަށް ޤާއިމްކޮށްދީ، ޤައުމާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަށް ކަށަވަރުކުރުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ މުޖުތަމަޢުއެކޭ އެއްފަދައިން ރާއްޖޭގައިވެސް ވިޔަފާރީގެ މުޢާމަލާތްތަކާއި ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް، ޒާތީ ދިރިއުޅުމުގެ ކަންކަމަށް، ޓެކްނޮލޮޖީގެ އެކި ޕްލެޓްފޯމްތަކަށް ރައްޔިތުން ބަރޯސާވާ މިންވަރު އިތުރުވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ޓެކްނޮލޮޖީގެ ސަބަބުން ފަސޭހަތަކެއް ލިބުނުނަމަވެސް އަލަށް ތަޢާރަފުވަމުންދާ ޓެކްނޮލޯޖީތަކުގެ ސަބަބުން ސަލާމަތީ މަސްރަހަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ރައްޔިތުންގެ ޒާތީ މައުލޫމާތުތައް ހޯދާ، ނުރަނގަޅުގޮތުގައި ބޭނުންކޮށްގެން ރައްޔިތުންނަށް ގެއްލުންލިބޭފަދަ ހާލަތްތައް ކުރިމަތިކުރުމުގެ ފުރުޞަތު ގިނަވެގެންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
" ދިިރއުޅުމުގެ ކަންތައްތައް މި ޓެކްނޮލަޖީގެ ސަބަބުން ވަރަށް ބޮޑަށް ފަސެހަވެގެންދޭ. ބޭރުގެ ދުނިޔޭގެ މާކެޓެއްގައި ވިއްކާ އެއްޗެއް އަމިއްލަ ގޭގައި ތިބިގެން ގަނެލެވޭ. ދިވެހި ޒުވާނުންގެ އުފެއްދުންތައް ބޭރުގެ މާކެޓްތަކަށް ވިއްކާލެވޭ. އަޅުގަނޑުމެން ކުރާ ޚަރަދުތަކަށް ފައިސާ ދައްކާލެވޭ. މިފަސޭހަތައް ލިބޭއިރު އަލަށް ތަޢާރަފްވަމުންދާ ޓެކްނޮލަޖީގެ ސަބަބުން ސަލާމަތީ މަސްރަހަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވޭ. މުއައްސަސާތައް ހުއްޓާލުމަށް އެހެން ޤައުމުތަކުގައި ތިބެގެން ފުރުޞަތު ހުޅުވާލެވިގެންދޭ." ދިފާޢީ ވަޒީރު މުހަައްމަދު ޣައްސާން މައުމޫން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އާންމު މުޖުތަމަޢުގެ ތެރޭގައި ރައްޔިތުންނަށް ރައްކާތެރިކަން ޤާއިމްކޮށްދޭ ފަދައިން ސައިބަރ ޑޮމައިންގައިވެސް ދިވެހި ދައުލަތާއި ރައްޔިތުން ހިމާޔަތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުކަމަށެވެ. އަދި ސައިބަރ އެކްސްޕޯއަކީ ސަރުކާރުގެ މި ސިޔާސަތު ތަންފީޒްކުރުމަށް މުހިއްމު ހަރަކާތެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
މިފަދަ މަސައްކަތްތަކުގެ ތެރެއިން އައިޓީޔޫ ގްލޯބަލް ސެކިއުރިޓީ އިންޑެކްސްގެ ތެރޭގައި ރާއްޖެ މިހާރު ގިންތި ކުރެވިފައި އޮތް ހަރުފަތުން މައްޗަށް ދިޔުމުގެ ފުރުޞަތު އިތުރުވާނެކަމަށާއި މިކަމުގެ ސަބަބުން ބޭރުގެ ފަރާތްތަކުން ރާއްޖޭގައި އިންސްވެސްޓް ކުރުމުގެ ފުރުޞަތުވެސް އިތުރުވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ސިޔާސަތަކީ ސައިބަރ ޑޮމެއިންގައިވެސް ދައުލަތާއި ރައްޔިތުން ހިމާޔަތްކުރުން: ޣައްސާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ