ކެމްޕެއިނާ ވަޒީފާއާ ގުޅުވައި ރައީސް ދެއްކެވި ވާހަކަފުޅުގެ މާނަ ވަނީ އޮޅުވާލާފައި - މުންދު

"ކެމްޕެއިނާ ދިމާކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަޒީފާ ދެއްވި ކަމަށް ރައީސް އިއުތިރާފުވެވަޑައިގެންފި" ސުރުޚީގައި "އަދަދު" ނޫހުން މިއަދު ގެނެސްދިން ޚަބަރަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި، އެމަނިކުފާނު ދެއްވި ޖަވާބުގެ ދޭހަވީ މާނަ އޮޅުވާލައި، ދެއްކެވި ވާހަކަފުޅުގެ ރޫހާއި މަޤްޞަދާ މުޅިން ޚިލާފު މާނައެއް އުފަންކުރުވައިގެން ލިޔެފައިވާ ޚަބަރެއް ކަމަށް ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން، މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
މުންދު މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ ވަކި މަޤްޞަދެއް ޙާޞިލުކުރުމަށް ލިޔެވޭ އަން-އެތިކަލް، އަން-ޕްރޮފެޝަނަލް މިފަދަ ލިޔުންތަކާ ގުޅިގެން، ކަމުގެ ޙަޤީޤަތް ސާފުކޮށް، ހާމަކުރަމުންދާނެކަން އެންމެހާ ފަރާތްތަކަށް ޔަގީންކޮށް އަރުވާކަމަށެވެ.
ކެމްޕެއިނަކާ ގުޅިގެން ނުވަތަ އެހެން ކަމަކާ ގުޅިގެން ވިޔަސް ސިޔާސީ ވަޒީފާ ދިނުމަކީ ރައްޔިތުން ރުހޭ ކަމެއް ނޫންކަން ޔަގީން ވާތީ، އެކަން ދެން ނުކުރައްވާނެ ކަމަށް ރައީސް މުއިއްޒު މިއަދު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކެމްޕެއިނަކާ ގުޅިގެން ނުވަތަ ސިޔާސީ ގޮތުން ވިޔަސް އެއްވެސް މީހަކަށް ވަޒީފާ ދިނުން ހުއްޓާލަން ވެއްޖެ ކަމަށް ރައްޔިތުން ބުނެފައިވާ ކަމަށެވެ.
"އެއްވެސް ފަރާތަކަށް ކެމްޕެއިނަކާ ގުޅިގެން ނޫނީ ސިޔާސީ ގޮތަކަށް ވަޒީފާ ދިނުން ދެން މި ގައުމުގައި ނިމުމަކަށް އަންނަން ޖެހޭ ކަމަށް ރައްޔިތުން މި އޮތީ ބުނެފައި. އެހެންވީމާ އަޅުގަނޑު ވެސް ދަނީ އެގޮތަށް ދެން،" ރައީސް ވިދާޅުވި އެވެ.
އެއްވެސް މީހަކަށް ދެން ވަޒީފާ ދޭނީ ސަރުކާރުން ކަނޑައަޅާފައި އޮންނަ އުސޫލުގެ ތެރެއިން ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ވުމުން ކަމަށް ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ