ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރާ ވީޑިއޯއާއި ފޮޓޯ ވިއްކާ ކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފި
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ވިއްކާކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާ ގުޅިގެން ތަހުގީގުކުރާ މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކޮށްފައި ވަނީ މި މަހު ފަސް ވަނަ ދުވަހެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ތ. ވިލުފުށީ މޫނިމާގެ، އާދަމް އަދްލާން ލަތީފް (22އ) އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށާއި، އެ މުއްދަތު މާދަމާއަށް ހަމަވާނެ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ، 'ބައިނޭންސް އެކްސްޗޭންޖް'ގެ ވޮލެޓް އެޑްރެހެއް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ގަނެ ވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ތަހުގީގެއްގެ ތެރެއިންނެވެ. ތަހުގީގަށް ފާހަގަކުރެވިފައިވާ ގޮތުގައި އެ ވޮލެޓުން އާދަމް އަދްލާން ލަތީފްގެ ކްރިޕްޓޯ އެކައުންޓަށް ފައިސާ ފޮނުވާފައިވެއެވެ. މީގެ އިތުރުން، އޭނާގެ އަތުން ހިފެހެއްޓި އިލެކްޓްރޯނިކް ވަސީލަތްތަކުގެ ފޮރެންސިކް ތަހުލީލުތައް ހެދިއިރު، ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ގިނަ އަދަދެއްގެ ފޮޓޯއާއި ވީޑިއޯ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް ވެސް ހިމެނޭކަން ފުލުހުން ފާހަގަކޮށްފައިވެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ