މިއީ ޔާމީން، ނަޝީދު އަދި ޞާލިޙް އެކުގައި ނުކުމެ ގައުމު ސަލާމަތްކުރަންވީ ވަގުތު: ފައްޔާޟް
ތަފާތު ޚިޔާލުތައް އެއްފަރާތްކޮށް، ކުރީގެ ތިން ރައީސުން އެކުގައި ގައުމު ސަލާމަތްކުރަން ނުކުތުމަށް އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް މިއަދު ގޮވާލައްވައިފިއެވެ. 'އެކްސް'ގައި ފައްޔާޟް ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެވަޑައިގެންފައިވާ ކަމަށެވެ. "ތަފާތު ވިސްނުންތައް އެއް ފަރާތްކޮށް ސަރުކާރާ ދެކޮޅަށް މުޅި ރާއްޖޭގައި މުޒާހަރާކޮށް ރައްޔިތުންގެ ނުރުހުމުގެ އަޑު އިއްވަން ޖެހޭ. މިއީ އިދިކޮޅު ލީޑަރުން އަދި ވަކިން ހާއްސަކޮށް ރައީސް މުޙައްމަދު ނަޝީދު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އަދި ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް އެކުގައި ނުކުމެ ގައުމު ސަލާމަތް ކުރަންވީ ވަގުތު،" ފައްޔާޟް ލިޔުއްވައިފައިވެއެވެ. https://x.com/faya_i/status/2054474528169034047 ރައްޔިތުން ތިބީ އެ ތިން ރައީސުންނާ އެކު، މި ސަރުކާރާ ދެކޮޅަށް މަސައްކަތްކުރަން ތައްޔާރަށް ކަމަށާއި އެ މަސައްކަތް ފަސްނުޖެހި ކުރުމަށް ކަމަށް ފައްޔާޟް ލިޔުއްވައިފައިވެއެވެ. އޮންލައިން ނޫސް އަދަދުގެ ދެ ނޫސްވެރިން ކަމަށްވާ މުޙައްމަދު ޝަހްޒާނާއި ލީވާން ޢަލީ ނާސިރު ބަންދުކުރި ކުރުމަށް އިޝާރާތްކުރައްވައި ފައްޔާޟް ވަނީ އެ ނޫސްވެރިން މިނިވަންކުރުމަށް، ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތައް އެކުގައި މަސައްކަތްކުރުމަށް އިލްތިމާސްކުރައްވައިފައެވެ. ފާހަގަކުރެވޭ ގޮތުގައި، ޝަހްޒާނާއި ލީވާން ބަންދުކޮށްފައިވަނީ ޤަޛްފުކުރިކަމުގެ އަދަދު ނޫހުގެ އިސްވެރިންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ޚިލާފުވި ކަމަށް ބުނާ މައްސަލައިގައެވެ. https://sun.mv/221890 ސިއްރުން އިއްޔެ ކުރިއަށް ގެންދިޔަ އަޑުއެހުން ނިންމައިލައި ދެ ނޫސްވެރިން ވެސް ބަންދުކުރީ ޖަވާބުދާރީވުމަށާއި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެކަށީގެންވާ ފުރުސަތެއް ނުދީއެވެ. ލީވާން ހާޒިރުކުރީ ކްރިމިނަލް ކޯޓުން ނެރުނު އެ އަމުރާ ގުޅޭ ޚަބަރެއް ލިޔެގެން ކަމަށް ބުނެއެވެ. އަދި، ޝަހްޒާން ހާޒިރުކުރީ ރައީސް އޮފީހުގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯޓު އަމުރާ ޚިލާފަށް ރައީސާ ސުވާލުކުރި ކަމަށް ބުނާ މައްސަލައިގައެވެ. ޝަހްޒާނާއި ލީވާން ބަންދުކުރުމާ ގުޅިގެން ސީޕީޖޭއާއި ޓްރާންސްޕޭރަންސީ، އަދި އައިފްޖޭން ވަނީ ދެ ނޫސްވެރިން ވެސް ބަންދުން ދޫކޮށްލުމަށް ގޮވާލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ