ކަނޑުތައް ބެލެހެއްޓުމަށް ސަރަހައްދީ އެއްބާރުލުން ބޭނުންވޭ: އިރުތިޝާމް

އިންޑިއާ ކަނޑު ހިމެނޭ ސަރަހައްދު ބެލެހެއްޓުމަށް ސަރަހައްދީ އެއްބާރުލުން ބޭނުންވާކަމުގައި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން، އައިއޯޓީސީގެ 30 ވަނަ އަހަރީ ބައްދަލުވުން ރާއްޖޭގައި ރަސްމީކޮށް ފެށުމައް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، ކަނޑުތަކުގެ ހިންގުން ހަރުދަނާކުރުމަށް އެކުލަވާލައިފައިވާ ނިޒާމަކީ، ހުރިހާ ގައުމެއްގެ ޚާއްސަ ބޭނުންތައް، ހާއްސަކޮށް ކުދި ޖަޒީރާ ގައުމުތަކުގެ މައްސަލަތައް ހައްލުކުރުމަށް އެކަށޭނެ ނިޒާމަކަށްވުމަކީ މުހިންމުކަމެއްކަމުގައެވެ.
މީގެ އިތުރުން، މަސްވެރިކަމާ ގުޅޭ މުހިންމު ނިންމުންތަކުގައި ކުދި ޖަޒީރާ ގައުމުތަކުގެ ހަމަހަމަ ހިއްސާ ކަށަވަރުކުރުމަށް، މި ގައުމުތަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީ ފޯރޮކޮށްދިނުމަކީ ވެސް މުހިންމުކަމެއްކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އަރުވާކަމަށާއި، އަދި ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ބައިނަލްއަޤްވާމީ އަދި ސަރަހައްދީ ޖަމްޢިއްޔާތައް އެކުއެކީގައި އެއް ލަނޑުދަނޑިއެއް ހާސިލްކުރުމަށް މަސައްކަތްކުރުމަށް ގޮވާލާކަމުގައިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ