މައުމޫންގެ ހުއްދަ ނެތި ކައުންސިލް ނުބާއްވަން އެންގި އެންގުން ސިވިލް ކޯޓުން ހުއްޓުވައިފި

ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ހުއްދައެއް ނެތި ޕީޕީއެމްގެ ކައުންސިލް އެއްވެސް ބައްދަލުވުމެއް ނުބޭއްވުމަށް އެމަނިކުފާނު އެންގިއެންގުން "އިހަށް ފަސްކޮށްލުމަށް" ސިވިލް ކޯޓުން އަމުރުކޮށްފި އެވެ. ސިވިލް ކޯޓުން އެގޮތަށް އަމުރު ނެރިފައިވަނީ ޕީޕީއެމްގެ ދެ މެމްބަރަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގައި އެ އެންގުމަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދިފައިވާތީ އެވެ. ޕީޕީއެމްއާ ދެކޮޅަށް މައްސަލަ ހުށަހަޅާފައިވަނީ އެޕާޓީއަށް ނިސަބަތްވާ ދެ މަޖިލިސް މެމްބަރުން ކަމަށްވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އެވެ. ދެ މެމްބަރުންގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައިވަނީ ޕީޕީއެމްގެ ރައީސް މައުމޫނުގެ އިސްލާހީ އެޖެންޑާގައި ހުރި ކަންކަން ބާތިލްކޮށްދިނުމަށް އެދި އެވެ. އަދި ވަގުތީ އަމުރު ނެރެދިނުމަށް އެދިވަޑައިގެންފައި ވަނީ ޕާޓީގެ ރައީސްގެ ހުއްދަނެތި ޕާޓީގެ އެއްވެސް ގުނަވަނެއްގެ ބައްދަލުވުމެއް ނުބޭއްވުމަށް ރައީސް މައުމޫން އަބްދުލް ގައްޔޫމް އެންގެވި އެންގުމަށް އަމަލު ކުރުން ފަސްކުރުމަށް އަމުރެއް ނެރެދިނުމަށެވެ. ސިވިލް ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ ސިވިލް ކޯޓަށް ޕީޕީއެމްގެ ދެ މެމްބަރަކު ހުށަހަޅާފައިވާ މައްސަލާގައި ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން ނުވަތަ މައްސަލާގައި ފައިސަލާ ކުރަނިވި ހުކުމެެއް ކުރަންދެން ޕީޕީއެމްގެ އެއްވެސް ގުނަވަނެއްގެ ބައްދަލުވުމެއް ނުބޭއްވުމަށް އަންގާފައިވާ އެންގުން ވަގުތީގޮތުން ފަސްކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ކޯޓުން އެގޮތަށް އަމުރުކޮށްފައިވަނީ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމެއްގެ ތިން ޝަރުތަކަށާއި ޝަރީއަތް ކުރުމާ ބެހޭގޮތުން ހެދިފައިވާ ގަވާއިދުގެ ހައެއްގެ 295 ވަނަ މާއްދާއާ ހަވާލާދީ އެވެ. އަދި އަމުރު ނެރުމުގައި އަދާލަތުގެ ހަމައަށްވެސް ރިއާޔަތްކޮށްފައިވެ އެވެ. އަމުރުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ޕީޕީއެމްގެ ރައީސް މައުމޫނާއި އެޕާޓީގެ ކައުންސިލާއި އެންމެހާ ގުނަވަންތައް ހިމެނެ އެވެ. ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ނުރަސްމީ ދަތުރުފުޅެއްގައި ރާއްޖޭން ބޭރަށް ފުރާ ވަޑައިގަންނަވަމުން އެމަނިކުފާނު އެނބުރި ވަޑައިގަތުމުގެ ކުރިން ޕީޕީއެމެގެ އެއްވެސް ކައުންސިލް ބައްދަލުވުމެއް ނުބޭއްވުމަށް ވަނީ އަންގަވާފަ އެވެ. "ޕާޓީގެ ރައީސް ރަށުގައި ވަޑައިގެން ނޫޅުއްވާ ދުވަސްތަކުގެ ތެރޭގައި ކައުންސިލް މެމްބަރެއް ނުވޭއްވޭނެ ވާހަކަ ދެންނެވީމެވެ." ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. ޕީޕީއެމް ހިންގުމުގެ ހުރިހާ ބާރެއް ރައީސް މައުމޫނު އަތްޕުޅަށް ނެންގެވީ ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ބިޑް ނުކޮށް ރަށްތައް ދޫކުރުމުގެ ބިލު ފާސްކުރުމަށް ވޯޓު ނުދެއްވުމަށް ޕާޓީގެ މަޖިލިސް މެމްބަރުން ކިބައިން އެދިފައިވަނިކޮށް އެ އެދުމަށް ގޮން ޖައްސަވައި ބިލް ފާސްކުރުމާ ގުޅިގެން ހިނގާދިޔަ ހިޔާލު ތަފާތުވުންތަކެއްގެ ތެރޭގަ އެވެ. އޭގެ ފަހުން ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވި ނަމަވެސް ރައީސް ޔާމީނަށް ތާއީދު ކުރައްވާ މެމްބަރުން ވަނީ ކައުންސިލް ބައްދަލުވުން ދޫކުރައްވައި ވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ