އިންޑިއާގެ އިންވެސްޓަރުންނަށް ދިމާވާ މައްސަލަތައް ހައްލުކުރަން ކުރެވޭނެ މާބޮޑު ކަމެއް ނެތް: މައުމޫނު

އިންޑިއާގެ އިންވެސްޓަރުންނާ ދޭތެރޭ ރާއްޖޭގައި ފަހަކަށް އައިސް ހިނގަމުން އަންނަ ކަންތައްތައް (ކުރިމަތިވާ މައްސަލަތައް) ހައްލުކުރުމަށް މިހާރުން މިހާރަށް ކުރެވޭނެ މާބޮޑު ކަމެއް ނެތް ކަމަށް ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫނު މިމޭރުމުން ވާހަކަފުޅު ދެއްކެވީ މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ އެކްސްޓާނަލް މިނިސްޓަރް ސަލްމާން ހޫރުޝީދުއާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ކަމަށް ޕީޕީއެމުން ރޭ އާންމު ކުރި ބަޔާނެއްގައި ބުންޏެވެ.
ރައީސް މައުމޫނު އަރިހުގައި ސަލްމާން ހޫރުޝީދު ވިދާޅުވި ކަމަށް ޕީޕީއެމުން ބުނީ "އިންޑިއާގެ އިންވެސްޓަރުންނާ ދޭތެރޭ ފަހަކަށް އައިސް ރާއްޖޭގައި ކަންތައްތައް ކުރެވިފައިވާ ގޮތުން އިންޑިއާގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ހިތްހަމަ ނުޖެހޭ" ކަމަށެވެ. އަދި " އޭގެ ސަބަބުން އިންޑިއާ ސަރުކާރަށް ވަރަށް ފާޑުކިއުން އަމާޒުވެގެންދާތީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ" ކަމަށް ވެސް އޭނާ ވިދާޅުވި ކަމަށް ޕީޕީއެމުން މިއަދު ބުންޏެވެ.
އިންޑިއާގެ އިންވެސްޓަރުންނާ ދޭތެރޭ ކަންތައްތައް ހިނގާފައިވާ ގޮތުން އުފެދިފައިވާ މައްސަލަ ހައްލުކުރުމުގައި ރައީސް މައުމޫނަށް އިސްދައުރެއް އަދާކުރެއްވިދާނެ ކަމަށް ވިދާޅުވެ އެކަމަށް މަސައްކަތް ކޮށްދެއްވުމަށް ސަލްމާން ވަނީ މައުމޫނު އަރިހުގައި ވިދާޅުވެފަ އެވެ.
ސަލްމާންގެ އެވާހަކަ ފުޅަށް ޖަވާބު ދެއްވަމުން މައުމޫނު ވިދާޅުވި ކަމަށް އެމަނިކުފާނުގެ ޕާޓީން ބުނީ "މިހާރުން މިހާރަށް ކޮށްދެވޭނެ މާބޮޑު ކަމެއް އޮތް ކަމަށް ދެކެވަޑައި ނުގަންނަވާ" ކަމަށެވެ. "އެހެން ނަމަވެސް އެކަމުގައި ވެސް އަލިމަގެއް ފެނޭތޯ ބައްލަވައި ދެއްވާނެކަމަށާއި ޕީޕީއެމްގެ ސަރުކާރެއް ގާއިމް ކުރެވިއްޖެ ނަމަ އިންޑިއާއާ ރާއްޖެއާ ދެމެދު މިހާރު އޮތް ވަރަށް ވުރެ ގުޅުން ރަނގަޅު ކުރައްވާނެ ކަމަށާއި، ސަރަހައްދީ ހަމަޖެހުމަށް ބުރޫ އަރާ ފަދަ އެއްވެސް ކަމަކަށް ޕީޕީއެމްގެ ސަރުކާރެއްގައި ފުރުސަތު ނުދެއްވާނެ ކަމަށް" މައުނޫނު ވިދާޅުވި ކަމަށް ވެސް ޕީޕީއެމުން ބުންޏެވެ.
ސަލްމާން ހޫރުޝީދުއާ އެކު ރައީސް މައުމޫނު މަޝްވަރާކުރެއްވި އިތުރު ކަންތައްތަކުގެ ތެރޭގައި އިންޑިއާ އިން ރާއްޖެއަށް ހިލަވެލި އެކްސްޕޯޓްކުރުން ހުއްޓާލާފައި އޮތް އޮތުމާއި ވިޒާ ލިބުން ދަތިވާ މައްސަލަ ހިމެނެ އެވެ.
ވިޒާގެ މައްސަލައާ ބެހޭ ގޮތުން ސަލްމާން ވިދާޅުވި ކަމަށް ޕީޕީއެމުން ބުނީ ، "ވިޒާގެ މައްސަލައަށް އަދި ހައްލެއް ނުގެނެވިގެން އުޅެނީ ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާގެ ރައްޔިތުންނާ ދޭތެރޭ ކައްތައްތައް ކުރެވެނީ މުޅިން ރަނގަޅަށް ކަމަށް ނުވާތީ" ކަމަށެވެ. އެމީހުން ތަމްސީލުކުރާ އިންޑިއާގެ ޕާލަމެންޓް މެމްބަރުން އެ މައްސަލައިގާ ސަރުކާރަށް ޝަކުވާ އުފުލަމުންދާ ކަމަށް ވެސް ސަލްމާން ވަނީ މައުމޫނަށް ދަންނަވާފަ އެވެ. އަދި ހިލަވެލީގެ މައްސަލަ ހައްލު ނުވެގެން އުޅެނީ، ހިލަވެލި އެކްސްޕޯޓް ކުރުން ހުއްޓުވުމަށް އިންޑިއާގެ ތިމާވެށި ހިމާޔަތްކުރުމާ ބެހޭ ފަރާތްތަކުން ވަރަށް ވަރުގަދައަށް މަސައްކަތް ކުރާތީ ކަމަށް ސަލްމާން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެކަމަށް އުސޫލުތަކެއް ހަމަޖެއްސޭތޯ ޗެންނާއީގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ރައީސް މައުނޫނު މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ބޮޑުވަޒީރު މަންމޯހަން ސިންގް އާ ވެސް ވަނީ ބައްދަލުކުރައްވާފަ އެވެ.
ރާއްޖޭގައި މިހާތަނަށް އެންމެ ބޮޑު އިންވެސްޓެއް ކުރި އިންޑިއާގެ ޖީއެމްއާރް ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން އުވާލީ ރައީސް މައުމޫނުގެ ޕާޓީ ހިމެނޭ ކޯލިޝަން ސަރުކާރުންނެވެ. ނަމަވެސް މިފަހަރުގެ ދަތުރުފުޅުގައި ދަ ހިންދޫ ނޫހަށް ދެއްވި އިންޓަވިއުއްގައި ރައީސް މައުމޫނު ވިދާޅުވެފައި ވަނީ އެ އެއްބަސްވުން އުވާލިގޮތާ މެދު ހިތްޕުޅު ހަމަޖެހިވަޑައި ނުންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ