ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ރައްޔިތުން ދޭ ތާއީދު ތިނަދޫ ޖަލްސާއިން ފެނިގެންގޮސްފައިވާކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މިވަގުތު ސިންގަޕޫރުގައި ހުންނެވި ކުރީގެ ރައީސް މައުމޫން މިހެން ވިދާޅުވީ ތިނަދޫ ޖަލްސާއާއި ގުޅޭގޮތުން ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ތިނަދޫގައި ރޭ ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާގައި އާންމުން ބައިވެރިވި މިންވަރާއި ގުޅޭގޮތުން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާއި، އިދިކޮޅު ފަރާތްތަކާއި ދެމެދުގައި ގިނަ ބަހުސްތަކެއް ސޯޝަލް މީޑިއާގައި ކުރެވެމުންދާ މިވަގުތު ރައީސް މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ހަތަރު ޕާޓީ ގުޅިގެން ރޭ ތިނަދޫގައި ބޭއްވި ހިތްގައިމު ޖަލްސާއަށް މަރުހަބާ ކިޔާކަމަށެވެ.
ހަތަރު ޕާޓީކަމަށް ރައީސް މައުމޫން އިޝާރާތް ކުރައްވާފައިވަނީ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގެ އިތުރަށް އަދާލަތު ޕާޓީ އަދި ރައީސް މައުމޫނަށް ތާއީދުކުރާ ފަރާތްތަކަށެވެ.
ރައީސް މައުމޫން ވިދާޅުވީ ރައްޔިތުން ގުޅިފައިވާ ޕާޓީތަކަށް ދޭ ތާއީދު އެންމެންނަށްވެސް މިހާރު ފެންނާނެކަމަށެވެ.
ރޭ ތިނަދޫގައި ބޭއްވި ޖަލްސާއާއި ގުޅިގެން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނީ މުޅި ހުވަދޫ އަތޮޅުންވެސް ތިނަދޫ ޖަލްސާގައި ބައިވެރިވާން ދިޔައީ މަދު އަދަދެއްގެ ބައެއްކަމަށެވެ.
އަދި ތިނަދޫއަކީ އިދިކޮޅު ޕާޓީތަކަށް ވަރަށް ބޮޑު ތާއީދެއް އޮތް ރަށެއްކަމަށް ކުރިން ދެއްކިނަމަވެސް މިހާރު އެ މަންޒަރު ނުދެއްކޭނެކަމަށް ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
ގުޅިފައިވާ ޕާޓީތަކަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ބުނީ ތިނަދޫ ޖަލްސާގައި ބައިވެރިނުވުމަށް ގިނަ އިންޒާރުތަކާއި، ބިރުދެއްކުންތައް ސަރުކާރުގެ ފަރާތުން ކުރިމަތިިކުރިނަމަވެސް ރޭގެ ޖަލްސާއިން ތިނަދޫ އޮތްގޮތް ސާފުކޮށްދީފިކަމަށެވެ.
ރޭ ތިނަދޫގައި ގުޅިފައިވާ ޕާޓީތަކުން ޖަލްސާއެއް ބާއްވާފައިވާއިރު، މާދަމާ ސަރުކާރަށް ތާއީދުކުރާ ޕާޓީތަކުން ބާއްވާ ޖަލްސާއެއް ތިނަދޫގައި އޮންނާނެއެވެ.
ރައްޔިތުން ދޭ ތާއީދު ތިނަދޫ ޖަލްސާއިން ވަނީ ފެނިފައި: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ