ޖެނެރޭޓަރަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ދިއްދޫއިން ކަރަންޓު ކެނޑިދާނެ

ހއ. ދިއްދޫގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ބޭނުންކުރަމުންދާ 400 ކިލޯވޮޓުގެ ޖެނެރޭޓަރަކަށް ދިމާވެފައިވާ މެކޭނިކަލް މައްސަލައެއްގެ ސަބަބުން، މައްސަލަ ހައްލުވަންދެން، މިއަދުން ފެށިގެން އެރަށުގައި ކަރަންޓު ކެނޑޭނެ ކަމަށް، ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކަ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިއްދޫގައި ލޯޑު ބޮޑުވާ ގަޑިތަކުގައި (ހެނދުނު 11:00 އިން ހަވީރު 16:00)، މިއަދުން ފެށިގެން އެރަށުގެ އެކި ސަރަހައްދުތަކުގައި ކަރަންޓުގެ ހިދުމަތް މެދު ކެނޑޭނެ ކަމަށެވެ.
އަދި މައްސަލަ ޖެހިފައިވާ ޖަނަރޭޓަރު ރަނގަޅު ކުރުމަށް، އިންޖީނިއަރުންގެ ޓީމެއް މެދު ކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ އިން ބުންޏެވެ. އަދި އިންޖިނިއަރުން ބުނާ ގޮތުން، ކުރިއަށް އޮތް ހަތަރު ނުވަތަ ފަސް ދުވަހުގެ ތެރޭގައި، ދިއްދޫގެ ކަރަންޓުގެ ހިދުމަތަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
މައްސަލަ ހައްލުކުރެވެންދެން، ލޯޑު ބޮޑު އިލެކްޓްރޯނިކް ސާމާނު މަދުން ބޭނުން ކުރުމަށާއި، ޖުމްލަކޮށް ކަރަންޓު ބޭނުން ކުރާ މިންވަރު ދަށް ކުރުމަށް ފެނަކަ އިން ވަނީ އެދިފައެވެ.
މި މަސައްކަތް ކުރިއަށްދާއިރު އެރަށު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި، ރަށުގެ ރައްޔިތުންގެ ކެތްތެރިކަން ފާހަގަކޮށް ފެނަކަ އިން ވަނީ އެކަމަށް ޝުކުރު އަދާ ކޮށްފައެވެ. އަދި، އެކަމުގެ ސަބަބުން ދިމާވާ ދަތިތަކަށް ވަނީ މައާފަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ