ރައީސް ޔާމީން މަގާމުން ވަކިކޮށްދޭން އެދި ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައެއް ނުގަތް

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މަގާމުން ވަކޮކޮށްދިނުމަށް އެދި އިދިކޮޅު ލީޑަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައި ނުގަންނަން އެ ކޯޓުން ނިންމައިފި އެވެ. ސުޕްރީމް ކޯޓުގެ ވެބްސައިޓުގައި ވަނީ އެމައްސަލަ ބަލައި ނުގަންނަން ނިންމިކަން އާންމުކޮށް އިއުލާނުކޮށްފަ އެވެ. މައްސަލަ ބަލައި ނުގަންނަން ނިންމި ސަބަބެއް ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވަނީ ގާނޫނު އަސާސީގެ 113 ވަނަ މާއްދާގައި ބުނެފައިވާ ގޮތަށް ހުށަހަޅާފައިވާ މައްސަލަ އަކަށް ނުވާތީ ކަމަށެވެ. ގާނޫނުއަސާސީގެ 113 ވަނަ މާއްދާގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ވަކި ކުރުމުގެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅޭނީ ރައްޔިތުންގެ މަޖިލީހުން އެގޮތަށް ނިންމުމުން އެކަމާ ހިލާފު އުފެދިއްޖެ ހާލަތެއްގައި ކަމަށެވެ. އަދި އެފަދަ މައްސަލައެއްގައި ނިންމުންތައް ނިންމަން ވާނީ ސުޕްރީމް ކޯޓުގައި ތިއްބަވާ ހުރިހާ ފަނޑިޔާރުން ތިބެގެންނެވެ. އެހެންވެ އެމައްސަލަ ބަލައި ނުގަންނަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްޔެ ނިންމާފައިވާ ކަމަށް އެ ކޯޓުން ބުންޏެވެ. އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރުގެ ފަރާތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ