ޚާރިޖީ ދާއިރާގެ މުހިންމު ދިރާސާތަކެއް ކުރެވިގެންދާތަން ފެނިގެންދާނެ- ޒަރީރު
ދިވެހި ހާރިޖިއްޔާއަށް ބޭނުންވާ މީހުން ތަމްރީނު ކުރުމާއި މި ދާއިރާއަށް ބޭނުންވާ ދިރާސާތައް ހެދުމަށް ފޮރިން ސާރވިސް އިންސްޓިއުޓް އޮފް މޯލްޑިވްސްއާއި މޯލްޑިވްސް ނެޝަނަލް ޔުނިވާރސިޓީއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. 2014 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 14 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްނެންގެވުމުގެ މަތިން ދިވެހި ޚަރިޖީއްޔާގައި މަސައްކަތް ކުރާ މުވައްޒިފުންގެ ގާބިލްކަމާއި ފަންނު އިތުރު ކުރުމަށް އެކުލަވާލި ފޮރިން ސާރވިސް އިންސްޓިއުޓް އޮފް މޯލްޑިވްސް އިން އަންނަނީ އިންޓަނޭޝަނަލް ރިލޭޝަންއާއި ގުޅޭ އެކިއެކި ތަމްރީން ޕްރޮގްރާމްތައް ހިންގަމުނެވެ. އެގޮތުން އެމްއެންޔޫއާއި ފޮރިން ސާރވިސް އިންސްޓިއުޓްއާއި އެކު ވެވުނު ފަހްމަނާމާގެ ދަށުން އެމްއެންޔޫގައި ކުރިޔަށްދާ ފޮރިން ރިލޭޝަންއާއި އެ ދާއިރާއަށް ގުޅޭ ކޯސްތަކައް ބޭނުންވާ ފަންނީ އެހީތެރިކަމާއި ލަފާ ފޮރިން ސާރވިސް އިންސްޓިއުޓްގެ ފަރާތުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ފޮރިން ރިލޭޝަން ދާއިރާއިން މާސްޓަރސް ލެވެލްއަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތް ތަކެއް ކުރައްވަމުންދާ ކަމަށް ފޮރިން ސާރވިސް އިންސްޓިއުޓް އޮފް މޯލްޑިވްސްއިން މަޢުލޫމާތުދެއެވެ.ފޮރިން ސާރވިސް އިންސްޓިއުޓް އޮފް މޯލްޑިވްސްއާއި މޯލްޑިވްސްއާއި އެމްއެންޔޫއާއި ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ފޮރިން ސެކްޓްރީ އަހްމަދު ޒަރީރު ވިދާޅުވީ، ފޮރިން ސާރވިސް ދާއިރާއަކީ މިހާތަނަށް ރާއްޖޭގައި ދިރާސާ ކުރެވިފައި ނުވާ ދާއިރާއެއް ކަމަށެވެ.އަދި ރާއްޖޭއާއި އެހެން ގައުމުތަކާއި ހުރި ޚާރިޖީ ގުޅުމާއި ބެހޭ ދިރާސާތައް ހެދުމަކީ މުހިންމު ކަމެއްކަމަށާއި، މިއެއްބަސްވުމުގެ ދަށުން ކުރިއަށް އޮތްތާގައި އެފަދަ ދިރާސާތައް ކުރެވިގެންދާނެކަމަށެވެ. މި ފަހުމްނާމާގައި ސޮއިކުރުމަށް ފަހު މޯލްޑިވްސް ނެޝަނަލް ޔުނިވާރސިޓީގެ ވައިސް ޗާންސެލާ ފަވާޒް ޝަރީފް ވިދާޅުވީ، ފަންނީ ގާބިލް މީހުންތަކެއް އުފެއްދުމަކީ ޔުނިވާރިސިޓީގެ އެންމެ މުހިންމު އެއް ލަނޑުދަނޑި ކަމަށެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން މީހުން ތަމްރީން ކުރުމަށް އަބަދުވެސް އެ ޔުނިވާރސިޓީއިން ތައްޔާރަށް އޮތްކަމަށް ވިދާޅުވިއެވެ. ފަވާޒް ޝަރީފް ވިދާޅުވީ ކޮންމެ ރޮނގަކުންވެސް ދިރާސާ ކުރުމުގެ މަސައްކަތް ލިބިއްޖެ ނަމަ، އެކަން ކުރަން ޔުނިވާރިސީޓިއިން އަބަދުވެސް ތައްޔާރުކަމަށެވެ. ދިވެހި ޚާރިޖިއްޔާގައި މަސައްކަތް ކުރާ ގިނަ ދިވެހިންނަކީ ރާއްޖޭއިން ބޭރުގައި ދިވެހި ރާޢްޖެ ތަމްސީލް ކުރާ ބައެކެވެ. އެގޮތުން އެ ފަރާތްތަކައް އެކަށީގެންވާ މުހިންމު ތައުލީމާއި ތަމްރީން ފޯރުކޮށްދިނުމަށް ފޮރިން ސާރވިސް އިންސްޓިއުޓް އޮފް މޯލްޑިވްސް އިން އަންނަނީ ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ