މާފަންނު އުތުރު ދާއިރާގެ ވަޢުދާ ހިނގުން ނަޝީދު މާދަމާ ފައްޓަވައިދެއްވާނެ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު މާފަންނު އުތުރު ދާއިރާގެ ދޮރުން ދޮރަށް "ވަޢުދާ ހިނގުން" މާދަމާ ފައްޓަވައިދެއްވާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް އެމްޑީޕީން އެކުލަވާލާ މެނިފެސްޓޯއަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ކުރަމުންދާ މިކެމްޕެއިން ހަރަކާތުގައި ރައްޔިތުންގެ ހާލު ގާތުން ބެއްލެވުމާއި، ރައްޔިތުންގެ އިޙްސާސްތައް ދެނެވަޑައިގަތުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން މާދަމާގެ ދޮރުން ދޮރަށް ވަޢުދާ ހިންގަވަން ފައްޓަވައިދެއްވުމުގެ ކުރިން ދާއިރާގެ ބައެއް ބޭފުޅުންނާއި ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވާނީ މ. މާފަރުގަ (ކުރީގެ މާފަރު ގެސްޓްހައުސް) ގައި ކަމަށް އެމްޑީޕީން ބުނެއެވެ.
އަދި މި ބައްދަލުވުމަށްފަހު ވަޢުދާ ހިންގަވަން ރައީސް ނަޝީދު ފައްޓާވައިދެއްވާނީ މާދަމާ ހެނދުނު 9 ޖަހާއިރު މ. މާފަރުގެ އިންކަމަށް ވެސް އެމްޑީޕީން މިރޭ އާންމު ކުރި ބަޔާނެއްގައި ބުނެފައި ވެއެވެ.
މާދަމާ ދޮރުން ދޮރަށް ވަޢުދާ ހިނގުން ކުރިއަށް ދާއިރު، މާފަންނު އުތުރު ދާއިރާގެ ކަންމަތީ ބައްދަލުވުން ބާއްވާގޮތަށް ހަމަޖެހިފައިވަނީ މާދަމާރޭ 9 ޖަހާއިރު ފަރީދީމަގު ނިމޭހިސާބު ގަޑިބުރު ކައިރީގައި ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.
މާފަންނު އުތުރު ދާއިރާގައި ކުރިޔަށް ދާ ދޮރުން ދޮރަށް- ވަޢުދާ ހިނގުމުގައި އެމްޑީޕިގެ ޕާލިއަމަންޓަރީ ގްރޫޕުގެ ބޭފުޅުންނާއި، ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި އަދި ރައީސް ނަޝީދުގެ ކެމްޕެއިންގެ ހަރަކާތްތެރިންނާއި ޕާޓީގެ މެމްބަރުންނާއި، އެމަނިކުފާނުންގެ ސަޕޯޓަރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ