ތިނަދޫ އިންޖީނުގެ އަޅާ ކުންފުންޏަށް އެޑްވާންސް ދައްކާ މަސައްކަތް ފަށަނީ

ގދ. ތިނަދޫގައި އިމާރާތްކުރަމުންދާ އާ އިންޖީނުގޭގެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުންޏަށް އެޑްވާންސް ޕޭމެންޓް ދެއްކުމުގައި ދިމާވި މައްސަލައަކާ ގުޅިގެން އެ މަސައްކަތް ހުއްޓާލާފައި އޮތުމަށްފަހު، ކުންފުންޏަށް އެޑްވާންސް ދައްކައި މަސައްކަތް އަނެއްކާވެސް ފެށުމަށް ތައްޔާރުވެފައިވާކަމަށް ފެނަކައިން ބުނެފި އެވެ.
ފެނަކައިން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ، ތިނަދޫގެ އިންޖީނުގެ އަޅާ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި ދައްކަންޖެހޭ ހުރިހާ ފައިސާއެއް މިދިޔަ ހަފުތާގައި ދައްކައި ނިންމާފައިވާ ކަމަށެވެ. ތިނަދޫ އިންޖީނުގޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްރީ ލަންކާ ކުންފުންޏެއް ކަމަށްވާ، އެޑްވާންސް ސްޓީލް ސްޓަރަކްޗަރު ޕްރައިވެޓް ލިމިޓެޑަށެވެ. އެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި ދައްކަންޖެހުނު ފައިސާ މިހާތަނަށް އައިރު ނުދެއްކި އޮތީ، ޑޮލަރުން ފައިސާ ދައްކަންޖެހުމުން އެ އަދަދަށް ޑޮލަރު ހޯދުމުގައި ދިމާވި ދަތިތަކާ ހުރެ ކަމަށް ފެނަކައިން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ޝަރީފް ވިދާޅުވީ، ތިނަދޫ އިންޖީނުގެ އެޅުމަށް ދައްކަންޖެހޭ އެޑްވާންސް މިހާރު ދައްކައި ނިމިފައިވާތީ އިންޖީނުގެ އެޅުމުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި ފަށައިގަންނާނެ ކަމަށެވެ. މަސައްކަތް މި ހަފުތާގައި ފަށައިގެން ކުރިއަށް އޮތް އަށް ވަރަކަށް މަސް ދުވަހުގެ ތެރޭގައި މަޝްރޫއު މުޅިން ނިންމައިލާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އިންޖީން އުފުލާ ކެރޭން ސިސްޓަމަކާއި އެކު އަޅާ އެ އިންޖީނުގެއަކީ ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ބޮޑު އަދި އެންމެ ފެންވަރު ރަނގަޅު އިންޖީނުގެއަށް ވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"އިންޖީން އުފުލާ ކެރޭން ވެސް ބަހައްޓާތީ ބައެއް ކަހަލަ ބަދަލުވެސް އަޅުގަނޑުމެން ޖެހުނު ގެންނަން މި މަސައްކަތަށް. އެހެން ނަމަވެސް ތިނަދޫ އިންޖީނުގޭގެ މަސައްކަތް މި ހަފުތާގައި ފަށާނެ، އުންމީދު މިކުރަނީ މަސައްކަތް ފަށާ ދުވަހުން ފެށިގެން އަށެއްކަ މަސްތެރޭ މަސައްކަތް މުޅިން ނިމޭނެ ކަމަށް،" ޝަރީފް ވިދާޅުވި އެވެ.
ތިނަދޫ އިންޖީނުގޭގެ މަސައްކަތަކީ 11 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ