މަސްތުވާތަކެއްޗާ ދެކޮޅަށް ފިލިޕީންސްގެ ކުރީގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ހިންގެވި 'ހަނގުރާމާގައި' އެތައް ހާސް ބަޔަކު މަރާލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހޭގު ޖަލުގައި ހުންނަވަނިކޮށް، އޭނާގެ އާއިލާގެ ބާރުގަދަ ސިޓީގެ މޭޔަރު ކަމަށް އޭނާ އިންތިހާބުކޮށްފި އެވެ.
ޑުޓާޓޭގެ އިތުރަށް، ގިނަ ދުވަސްތަކެއް ވަންދެން އޭނާގެ އެންމެ އަރިސްކޮށް އުޅުއްވި، ކްރިސްޓޮފާ އާއި އޭނާގެ މަސްތުވާތަކެތީގެ ހަނގުރާމަ ތަންފީޒު ކުރުމުގެ ޒިންމާ އުފުއްލެވި ކުރީގެ ޕޮލިސް ޗީފް ރޮނާލްޑް ޑެލާ ރޯޒާ ވަނީ އަނެއްކާވެސް އެ ގައުމުގެ ސެނެޓަށް އިންތިހާބުވެފަ އެވެ.
ނަމަވެސް ޑުޓާޓޭ އާއި ރައީސް މާކޯސް އާއިލާގެ މެދުގައި ނުތަނަވަސް ކަމެއް އުފެދިފައިވަނިކޮށް، މިޑްޓާމް އިންތިހާބުގައި ވަނީ ހައިރާންކުރުވަނިވި ނަތީޖާތަކެއް ނުކުމެފަ އެވެ.
ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށްދާ އިރު ޑުޓާޓޭގެ ދަރިކަނބަލުން ސާރާ ޑުޓާޓޭ އަދިވެސް ހުންނެވީ އެ ގައުމުގެ ނައިބު ރައީސްގެ މަގާމުގަ އެވެ.
މީގެ ތިން އަހަރު ފަހުން، 2028 ވަނަ އަހަރުގައި އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް ކަމަށް ސާރާ ޑުޓާޓޭ ވާދަ ކުރައްވާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް އެ ގައުމުގެ ސެނެޓްގެ މައްޗަށް އެކުލެވޭ ޖޫރީއަކުން އޭނާގެ އިތުބާރު ނެތް ކަމަށް ވޯޓު ދީފި ނަމަ އޭނާގެ ސިޔާސީ ހަޔާތަށް ހިޔަނިއެޅޭނެ އެވެ.
އެއާ އެކު، މިޑްޓާމް އިންތިހާބަކީ އޭނާއަށް ތާއީދުކުރާ ފަރާތްތަކާއި ރައީސް ފާޑިނަންޑް މާކޯސް ޖޫނިއާއާ ދެމެދު ހިނގި ހަނގުރާމައަކަށް ބަދަލުވި ކަމެވެ. އެ ދެ ބޭފުޅުން އިންތިހާބަށް ފުރަތަމަ ނުކުންނެވީ ގުޅިގެންނެވެ.
މިޑްޓާމް އިންތިހާބުގައި ލޯކަލް އޮފިޝަލުންގެ އިތުރުން ގަވަރުނަރުންނާއި ސެނެޓަރުން ހިމެނޭ ގޮތަށް 18،000 ގޮނޑިއަށް ވާދަކުރެ އެވެ.
ސާރާ ޑުޓާޓޭ އާއި މާކޯސް ޖޫނިއާގެ ކުރިމަތިލުމެއްގެ ގޮތުގައި ބެލެވޭ މި އިންތިހާބުގައި، ސާރާގެ ޓީމުން އަމާޒު ހިފާފައި ވަނީ އޭނާ އަޒުލު ކުރުން ހުއްޓުވުމަށް ބޭނުންވާ ސެނެޓްގެ ނުވަ ގޮނޑި ހޯދުމަށެވެ.
ނަމަވެސް ނުރަސްމީ ހިސާބުތަކުން އެނގެނީ %68 ވޯޓުގެ ނަތީޖާ ދާނީ ކޮން ދިމާލަކަށް ކަމެއް ނޭނގޭ ކަމަށެވެ.
މާކޯސް ޖޫނިއާއަށް ލިބުނު ވޯޓު ހިޔާލު ހޯދުމުގެ ޕޯލްތަކުން އަންދާޒާކުރި މިންވަރަށް ކާމިޔާބު ނުވާ ކަމަށް ބެލެވެ އެވެ. ނުރަސްމީ ނަތީޖާތައް ދައްކާ ގޮތުން، އޭނާއަށް ތާއީދު ކުރާ މީހުންގެ ތެރެއިން، ގަދަ ފަހެއްގައި ހަމައެކަނި ހިމެނުނީ، ހިބްރޯޑްކާސްޓަރު އަރްވިން ޓުލްފޯ އެވެ.
ގަދަ ފަހެއްގެ ދެ ގޮނޑި ޑުޓާޓޭގެ ބައިވެރިން ކާމިޔާބު ކުރެއްވި އިރު، ދެ ގޮނޑިއެއް ކާމިޔާބު ކުރެއްވީ މިނިވަން ކެންޑިޑޭޓުންނެވެ. އަދި 12 ގޮނޑީގެ ރޭސް ދަނީ ވަރަށް ވާދަވެރިކޮށެވެ.
ސިޔާސީ ގޮތުން ގޮންޖެހުންތަކެއް ހުއްޓަސް، ނައިބު ރައީސްގެ މަގުބޫލުކަން އާންމުންގެ ތެރޭގައި ބޮޑެވެ. އަންނަ ރިޔާސީ އިންތިހާބު، 2028 ވަނަ އަހަރު ރައީސް މަގާމުން ރައީސް ވަކިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
އާންމުންގެ ތެރޭގައި މަގުބޫލު ލީޑަރު ޑުޓާޓޭ، 80، މެނީލާ އެއާޕޯޓުން ހައްޔަރުކޮށްގެން، ބައިނަލްއަގުވާމީ ޖިނާއީ ކޯޓާ ކުރިމަތިލުމަށް ނެދަލެންޑްސްއަށް ގެންދިޔަތާ ދެ މަހެއްހާ ދުވަސް ފަހުން ބޭއްވި އިންތިހާބުގައި، އެ ގައުމުގެ ދެކުނު ސަރަހައްދުގައި ޑުޓާޓޭ އާއިލާގެ ތާއީދު ކާމިޔާބުކަމާ އެކު ދަމަހައްޓާފައިވާކަން މިހާތަނަށް ހޯދި ނަތީޖާތަކުން އެނގެ އެވެ.
ޑުޓާޓޭ ހައްޔަރު ކުރުމަށް މާކޯސް ޖޫނިއާ ތާއީދު ކުރެއްވުމުން އޭނާގެ އަންހެން ދަރިކަނބަލުންނާއި މިހާރުގެ ރައީސާ ދެމެދު އޮތް ވާދަވެރިކަން ހޫނުވެގެން ދިޔަ އެވެ. އަދި އޭގެ ހަފުތާއެއް ފަހުން ނައިބު ރައީސް އަޒުލުކުރަން ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގައި ވަނީ ވޯޓުނަގައިފަ އެވެ.
ޖަލުގައި ހުންނަވަނިކޮށް ޑުޓާޓޭ މޭޔަރަކަށް އިންތިހާބުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ