ރައުދާގެ މަރު ހަ ވަނަ ފަހަރަށް ތަހުގީގުކުރަން ބަންގްލަދޭޝް ކޯޓުން އަންގައިފި
ބަންގްލަދޭޝްގައި މެޑިސިން ކިޔަވަމުން ދިޔަ ދިވެހި ދަރިވަރެއް ކަމަށްވާ ރައުދާ އާތިފްގެ މަރުގެ މައްސަލަ ހަ ވަނަ ފަހަރަށް ބަލަން ބަންގަލަދޭޝްގެ ކޯޓަކުން ފުލުހުންގެ މައްޗަށް އަމުރުކޮށްފި އެވެ.ބަންގްލަދޭޝްގެ ރާޖްޝާހީ މެޑިކަލް ކޮލެޖްގައި ޑޮކްޓަރުކަން ކިޔަވަމުން ދިޔަ ރައުދާގެ ހަށިގަނޑު ފެނިފައި ވަނީ ކޮލެޖު ހޮސްޓެލްގައި އޭނާ ދިރިއުޅުނު ކޮޓަރީގެ ތެރޭގައި މާޗް، 2017 ގަ އެވެ. ފެނުނުއިރު އޮތީ ދަންޖެހިފަ އެވެ.ރައުދާ މަރުވީ ދަންޖެހިގެން ކަމަށް މީގެ ކުރިން ހެދި އޮޓޮޕްސީތަކުން ވެސް އަދި އެ ގައުމުގެ ފުލުހުންގެ ތަހުގީގުތަކުން ދެއްކި ނަމަވެސް އެކަމުގައި ޝައްކު ކަންކަން ހުރި ކަމަށް ބުނެ އެ މައްސަލަ އަލުން ބެލުމަށް އޭނާގެ ބައްޕަ މުހައްމަދު އާތިފް ކޯޓަށް އޮތީ މައްސަލައެއް ހުށަހަޅައިފަ އެވެ.އާތިފްގެ ވަކީލް، އެމްޑީ ނޫރުލް އިސްލާމް ސަރްކަރްއާ ހަވާލައިދީ ބަންގްލަދޭޝްގެ ނޫހަކުން ބުނީ އެސިސްޓެންޓް ސުޕްރިޓެންޑެންޓް ޕޮލިސް (އޭއެސްޕީ) ރޭންކުގެ ފުލުހަކާ ހަވާލުކޮށްގެން ރައުދާގެ މަރުގެ މައްސަލަ އަލުން ތަހުގީގުކުރަން ކޯޓުން އަންގާފައިވާ ކަމަށެވެ.އެހެންވެ، އެ އެންގުމާ އެއްގޮތަށް އެ މައްސަލަ ހަ ވަނަ ފަހަރަށް ތަހުގީގުކުރާނެ ކަމަށް ބުންޏެވެ.ރައުދާގެ މަރުގައި ބައެއްގެ ބައިވެރިވުން އޮތް ކަމަށް އޭނާގެ ބައްޕަ ތުހުމަތުކުރިއަސް، ބަންގްލަދޭޝްގެ ކަމާ ގުޅޭ އިދާރާތަކާއި އިތުރު މައުލޫމާތުތައް ހޯދައިގެން ރާއްޖޭގެ މަރު ކޮމިޝަނުން ވެސް އެ މައްސަލަ ނިންމާފައި ވަނީ ބަނގްލަދޭޝްގެ ޕޮލިހުންގެ ތަހުގީގާ އެއްގޮތަށެވެ. ރައުދާ މަރުވެފައިވަނީ އަމިއްލައަށް ކަމަށެވެ.ރައުދާގެ މަރު ތަހުގީގު ކުރުމަށް ދިވެހި ފުލުހުން ވެސް ބަންގްލަދޭޝަށް ދިޔަ އެވެ. އެ މައްސަލައިގައި ދިވެހި ފުލުހުން ވެސް ބުނެފައި ވަނީ ފެންނަން ހުރި ހެކިތަކަށް ބަލާއިރު ރައުދާ މަރުވީ ދަންޖެހިގެން ކަމަށް ބެލެވޭ ކަމަށެވެ.ރައުދާގެ ފޮޓޯއެއް ވައިރަލްވުމާ އެކު އޭނާއަށް ދުނިޔޭގައި ވެސް މަޝްހޫރުކަން ލިބިފައިވުމުން އޭނާގެ މަރުގެ ހަބަރު ވަރަށް ބޮޑަށް ފެތުރުނެެވެ. ފޮޓޯ ވައިރަލް ވުމަށްފަހު މޮޑެލް ކުރުމުގެ ފުރުސަތުތައް ލިބި ވޯގްގެ ކަވާ މޮޑެލްއަކަށް ވުމުގެ ފުރުސަތު ވެސް ރައުދާއަށް ލިބުނެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ