ޕީޕީއެމް ހިންގުމުގެ ބާރު ޕާޓީގެ މުސްތަޝާރު ރައީސް ޔާމީނާ ހަވާލުކުރީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެ އެޕާޓީގެ ރައީސް މައުމޫން ޕީޕީއެމާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް އެ ކޯޓުން އަންގައިފިއެވެ.
މިމަހުގެ 9 ވަނަ ދުވަހު ރައީސް މައުމޫން ކޯޓަށް މައްސަލަ ހުށަހެޅުއްވީ ޕީޕީއެމް ހިންގުމުގެ ހުރިހާ ބާރުތަކެއް ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްފައިވަނީ ގާނޫނުއަސާސީއާއި، ސިޔާސީ ޕާޓީތަކާއި ބެހޭ ގާނޫނާއި، ޕީޕީއެމްގެ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދިވަޑައިގެނެވެ.
މި މައްސަލަ ހުށަހެޅުއްވުމުން ސިވިލް ކޯޓުގެ ރަޖިސްޓްރާ މައުމޫނަށް ފޮނުއްވި ޖަވާބުގައި ވިދާޅުވީ މައުމޫން މައްސަލަ ހުށަހެޅުއްވީ އިދާރީ މައްސަލަ ބަލާ ޑިވިޝަނަށް މައްސަލަ ހުށަހަޅާ ފޯމުން ކަމަށެވެ.
ރަޖިސްޓްރާ ވިދާޅުވެފައިވަނީ އެ ޑިވިޝަނަށް ހުށަހެޅޭނީ ސުޕްރީމް ކޯޓުގެ ސާކިއުލާއެއްގައި ބަޔާންކޮށްފައިވާ ދައުލަތުގެ އިދާރާތަކުގެ މައްސަލަ ކަމަށެވެ. ނަމަވެސް ޕީޕީއެމަކީ ދައުލަތުގެ މުއައްސަސާއެއް ނުވަތަ އިދާރާއަކަށް ނުވުމުން އެޕާޓީއާ ގުޅޭގޮތުން ކުރެވޭ ދައުވާއެއް އިދާރީ ޑިވިޝަނަށް މައްސަލަ ހުށަހަޅާ ފޯމުން ހުށަނޭޅޭނެ ކަމަށް ސިވިލް ކޯޓުގެ ރަޖިސްޓްރާގެ ޖަވާބުގައި ވިދާޅުވެފައިވެއެވެ.
ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލުކުރަން ސިވިލް ކޯޓުން މިދިޔަ މަހުގެ 16 ވަަނަ ދުވަހު ހުކުމް ކުރީ އެޕާޓީގައި ރައީސަކު ހުންނެވި ނަަމަވެސް ޕީޕީއެމްއަށް މިހާރު ކުރިމަތިވެފައިވަނީ ރައީސަކު ނެތް ފަަދަ ހާލަތެއް ކަމަށް ކަނޑައެޅުމަށްފަހުއެވެ. ޕީޕީއެމް ހިންގަނީ އެޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންކަން ޔަގީން ކުރުމަށްޓަކައި ޕީޕީއެމްގެ ހުރިހާ ޒިންމާއެއް އުފުލަން ޖެހޭ ފަރާތަކީ ޕާޓީގެ މުސްތަޝާރު އަބްދުﷲ ޔާމީން ކަމަށްވެސް ސިވިލް ކޯޓުގެ ހުކުމުގައިވެއެވެ.
ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލުކުރަން ދަށު ކޯޓުން ނިންމި ނިންމުމަށް ތާއީދުކޮށް ހައިކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ މައްސަލަ ނިންމާފައެވެ. ނަމަވެސް އެއީ ގާނޫނުތަކާއި އުސޫލުތަކާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ރައީސް މައުމޫން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
މައުމޫން ހުށަހެޅުއްވި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ