ޕީޖީ ކަމަށް ކުރިމަތިލެއްވި މައުމޫން ހަމީދުގެ ނަން ދިރާސާ ކުރަން ކޮމެޓީއަށް ފޮނުވައިފި

ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ މަގާމަށް ކުރިމަތިލެއްވި ހަ ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވި ހ. މީނާޒް މައުމޫން ހަމީދުގެ ނަންފުޅު ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުވައިފި އެވެ.
ޕީޖީގެ މަގާމުން އަހުމަދު މުއިއްޒު މިދިޔަ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ކުރިމަތިލެއްވި މައުމޫން ހަމީދު، އެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އޭނާގެ ނަން ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓިއަށް ފޮނުވީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ. މައުމޫންގެ ހަމީދު ޕީޖީއަކަށް އައްޔަންކޮށްދެއްވުމަށް އެދި ރައީސް ޔާމިން މަޖިލީހަށް ފޮނުއްވެވި ސިޓީ މިއަދު ތަޅުމުގައި އިއްވި އެވެ.
މައުމޫންގެ ހަމީދު ޕީޖީއަކަށް އައްޔަން ކުރެވޭނީ އޭނާ އަމަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ކޮމެޓިން ފާސްކޮށް، ތަޅުމަށް ހުށަހަޅާ ރިޕޯޓް މަޖިލީހުގެ މެމްބަރުންގެ އަގުލަބިއްޔަތުން ފާސްވެގެންނެވެ.
ޕީޖީގެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލި ފަސް ބޭފުޅުންގެ ނަން ވެސް މަޖިލީހަށް ރައީސް ވަނީ ފޮނުއްވާފަ އެވެ. މަޖިލީހަށް ފޮނުވި އަނެއް ފަސް ނަމަކީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު ކަން ކުރައްވާފައިވާ މ. ވައިނުޖެހޭގޭ މަރިޔަމް ޒުލްފާ އާއި މިހާރު ވެސް ޑެޕިއުޓީ ޕީޖީގެ މަގާމުގައި ހުންނެވި ހ. ހިޔާކަން، ހުސެން ޝަމީމު އާއި ޕީޖީ އޮފީހުގައި މަސައްކަތް ކުރާ، ގާނޫނީ ވަކީލެއް ކަމުގައިވާ ދަފްތަރު އައިޝަތު ފަޒްނާ އަހުމަދު އަދި ޝަރީއާ އެންޑް ލޯ އިން ޑިގްރީއެއް ނަންގަވާފައިވާ ގާނޫނީ ވަކީލެއް ކަމުގައިވާ މއ. ބިންމާވިލާ، އިސްމާއިލް ވަހީދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ