ކޮންމެ އާއިލާއެއްގެ އަތުގައި ދެ ގެއެއް ހުންނަން ވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރުގެ ގޯތި ގެދޮރުގެ ވިސްނުން ހާމަކުރައްވަމުން އޭނާ ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ މިހާ ހިސާބަށް އައިސްފައިވަނީ ޕޮލިޓިކް ލީޑަޝިޕް ފެއިލްވެގެން ކަމަށާއި މިއީ ހައްލުކުރަން އުނދަގޫ މައްސަލައެއް ނަމަވެސް މިއީ ހައްލު ކުރެވޭ ވަރުގެ މައްސަލައެއް ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ކޮންމެ އާއިލާއެއްގެ އަތުގައި ދެވަނަ ގެއެއް ހުންނަން ވާނެ، ދެ ގެއެއް ހުންނަން ވާނެ. އަތޮޅުތެރެއިން މާލެ އައިސް ތިބި ފަރާތްތަކުގެ ތެރެއިން ބައެއް މީހުންގެ އަތޮޅުތަކުގައި ގޯތި އޮންނާނެ އަދި ބައެއް ފަރާތްތަކަށް މާލެއިން ފްލެޓު ވެސް ލިބިފައި ހުންނާނެ. އެހެންވީމަ އެ ފަރާތްތައް އެ ތިބީ ދެ ތަނުގައި" އުމަރު ވިދާޅުވިއެވެ.
މި ކޮންސެޕްޓު ރާއްޖޭގެ ހުރިހާ އާއިލާތަކެއްގައި ވެސް އޮންނަން ވާނެ ކަމަށާއި އެގޮތުން ކޮންމެ މީހެއްގެ އަތުގައި ވެސް "ވެކޭޝަން ހޯމް" އެއް އޮންނަން ވާނެ ކަމަށް އުމަރު ވިދާޅުވިއެވެ. އަދި ތޮއްޖެހިފައި ހުރި އާބާދީތަކުގެ މީހުންނަށް އަތޮޅުތެރޭގެ އެހެން ރަށްތަކުން ގޯތި ވެސް ދޭންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މާނައަކީ ދެވަނަ ތަނެއް ހުންނަންވާނެއޭ ކޮންމެ އާއިލާއަކަށް ވެސް ލިބިފައި. އެއީ މި ސަރަހައްދުން ނުވަތަ އަރބަން އެހެން ސެންޓަރަކުން ތަނެއް، އެހެނިހެން ހިތްގައިމު ރަށަކުން ތަނެއް ހުންނަން ވާނެ. މި ޕްރޮޖެކްޓު ކުރިން ހިންގި ރައީސް މައުމޫންގެ ސަރުކާރުގައި. ލ.އަތޮޅުން ބައެއް ގޯތި ދިން މާލޭގެ މީހުންނަށް ނުވަތަ އެހެން މީސް މީހުންނަށް. 5،000 އަކަފޫޓުގެ ބިން ދިން، ވަރަށް ކާމިޔާބު ޕްރޮޖެކްޓެއް ހަގީގަތުގައި" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ދިވެހިންގެ ދިރިއުޅުމަކީ ގުދުރަތީ ގޮތުން ވެސް ހިތްފަސޭހަ ދިރިއުޅުމެއް ކަމަށެވެ. އެގޮތުން ދިވެހިންނަކީ ގޮނޑުދޮށްތަކާއި ކަނޑުން އަންނަ ވައިރޯޅީގެ ތެރޭގައި އުޅޭ ބައެއް ކަމަށާއި، މާލޭގައި އުޅޭ މީހަކު އޭނާގެ މުޅި އުމުރު ފްލެޓެއްގެ ތެރޭގައި ހޭދަކޮށްލަން ޖެހިގެން ނުވާނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ. އެގޮތުން އެމީހާއަށް އެ ފްލެޓުގެ އިތުރުން އަތޮޅުތެރޭގެ އެހެން ރަށަކުން ބިމެއް އޮންނަން ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ކޮންމެ އާއިލާއެއްގެ އަތުގައި ދެވަނަ ބިމެއް އޮންނަން ވާނެ އެމީހުން ދިރުއުޅުމަށް ނުވަތަ އެމީހުންގެ ވިޔަފާރި ބޭނުމަށް. ރާއްޖޭގައި އެވަރަށް އަޅުގަނޑު ދެކޭގޮތުގައި ބިން އެބައޮތް" އުމަރު ވިދާޅުވިއެވެ.
ކޮންމެ އާއިލާއެއްގެ އަތުގައި ދެވަނަ ގެއެއް ހުންނަން ވާނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ