ހުރިހާ ރައްޔިތުން ވެސް ކޮވިޑް ބޫސްޓާ ޑޯޒް ޖެހުމަށް ރައީސްގެ އިލްތިމާސެއް!

ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް މިއަދު ބޫސްޓާ ޑޯޒް ދޭން ފަށައިފައިވާއިރު، ހުރިހާ އެންމެން ވެސް ވެކްސިންގެ ތިން ވަނަ ޑޯޒު ޖެހުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފިއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ކޮވިޑްގެ ބޫސްޓާ ޑޯޒް ޖަހަން ފަށައިފައިވަނީ މިއަދުން ފެށިގެންނެވެ. ބޫސްޓާ ޑޯޒްގެ ގޮތުގައި ފައިޒާ ވެކްސިންގެ ޑޯޒެއް ދިނުމަށް ހަމަޖެހިފައިވަނީ، ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރާތާ ހަ މަސް ދުވަސް ވުމުންނެވެ. ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު ފެތުރެމުން އަންނަ ކޮވިޑްގެ އާ ވޭރިއަންޓު، އޮމިކްރޯން އިން ދިފާއުވުމަށް ޓަކައި ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ ވެކްސިންގެ ބާރު ގަދަ ކުރުން ކަމަށެވެ. ރައީސް ވަނީ ބޫސްޓާ ޑޯޒް ޖެހުމަށް ޝަރުތު ހަމަވާ ހުރިހާ ރައްޔިތުން ވެސް ވެކްސިން ޖެހުމަށް އެދިވަޑައިގެންފައެވެ. "ކޮވިޑުގެ އޮމައިކްރޯން ވޭރިއަންޓާ ދެކޮޅަށް އެންމެ ރަނގަޅު ދިފާއަކީ އަހަރެމެންގެ ވެކްސިން އިމިއުނިޓީ އިތުރުކުރުން. އަޅުގަނޑުމެންގެ ބޫސްޓާ ވެކްސިން ޕްރޮގްރާމް މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައި. ދެވަނަ ޑޯޒް ދިން ފަހުން ހަ މަސް ދުވަސް ފާއިތުވެގެން ގޮސްފައިވާނަމަ މިހާރު ބޫސްޓާ ޑޯޒު އަވަހަށް ޖައްސަވާ،" ރައީސް ވިދާޅުވިއެވެ. އަށާރަ އަހަރުން މަތީގެ އެންމެންނަށް ބޫސްޓާ ޑޯޒް ޖަހަން ފަށައިފައިމިވަނީ ކޮވިޑް-19ގެ އޮމިކްރޯން ވޭރިއެންޓް ފެތުރުމާ ގުޅިގެން ގައުމުގައި ކޭސްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓްކުރި 7505 ސާމްޕަލްގެ ތެރެއިން 967 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 475 މީހުން ނިސްބަތް ވަނީ މާލެ ސަރަހައްދަށެވެ. އަދި އަތޮޅުތެރެއިން ޕޮޒިޓިވްވެފައިވަނީ 290 މީހެކެވެ. ރިސޯޓުތަކުން 87 މީހަކު ޕޮޒިޓިވްވެފައިވާއިރު ސަފާރީތަކުން ޕޮޒިޓިވް އަދަދު އުޅެނީ ދޭއްގައެވެ. ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަތިވަމުންދާތީ، ރާއްޖޭގެ ހުރިހާ ރަށެއްގައި މިހާރު މާސްއެޅުން ވަނީ މަޖުބޫރު ކޮށްފައެވެ. އެޗްޕީއޭއިން ބުނީ މި ހާލަތުގައި އެންމެ މުހިއްމު ކަމަކީ ކޮންމެ ރައްޔިތަކު ވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާ ކުރުން ކަމަށެވެ. އެގޮތުން ބޭރު ތެރޭގައި އުޅޭއިރު ރަނގަޅަށް މާސްކު އެޅުމާއި ގައިދުރު ކަމަށް ފަރުވާތެރިކަން ބެހެއްޓުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ