އަދުލުއިންސާފު ނެތްކަން ވަރަށް ބޮޑަށް ސާފުވެއްޖެ: އަބްދުއްރަހީމް އަބްދުﷲ

ދިވެހިރާއްޖޭގެ އަދުލުއިންސާފު ނެތްކަން ވަރަށް ބޮޑަށް މިއަދު ސާފުވަމުންދާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމާ ގުޅޭގޮތުން ރޭގެ ވަގުތެއްގައި ލީކް ވެފައިވާ އޯޑިއޯއެއްގެ މައްސަލައަކާއި ގުޅިގެން އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ހުކުމަކީ ސަރުކާރުގެ ނުފޫޒު އިންތިހާއަށް އޮވެގެން ކުރި ހުކުމެއްކަން އޯޑިއޯއިން ސާފުވާނެ ކަމަށާއި އަދި ދިވެހިރާއްޖޭގެ އަދުލުއިންސާފު ނެތްކަން ވަރަށް ބޮޑަށް ހާމަވާ ކަމަށެވެ.
މިކަމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލެއްކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ފުރަތަމަ ދުވަހުން ފެށިގެންވެސް ރައީސް ޔާމީންގެ ޝަރީޢަތަށް ސަރުކާރުން ވަންނަ ކަމަށް އިދިކޮޅުން ބުނާ ބުނުމަކީ އޭގައި ހަގީގަތެއް އެކުލެވޭތީ ދައްކާ ވާހަކަތަކެއް ކަމަށެވެ.
އަދި އެއްދުވަހުން އަނެއް ދުވަހަށް މިދަނީ އެވާހަކަތަކުގެ ހަގީގަތް ހާމަވަމުން ކަމަށާއި އެގޮތުން ރޭގަ ލީކުވި އޯޑިއޯގެ ސަބަބުން މުޅި ދިވެހި ރައްޔިތުން މިކަމަށް ކަންބޮޑުވާ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ މިމައްސަލަ ކަމާއިބެހޭ ހުރިހާ ފަރާތްތަކަށް ހުށަހަޅާނެ ކަމަށާއި ނަމަވެސް މިއަދު ރާއްޖޭގައި އޮތް އަދުލު އިންސާފުގެ ނިޒާމުގެ ތެރެއިން މިކަންކަމަށް އިންސާފު ލިބިދާނެކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.
އޭނާ ވިދާޅުވީ މީގެކުރިންވެސް ރައީސް ޔާމީނަށް ހުކުމްކުރި ސްޕްރީމް ކޯޓުގެ ފަނޑިޔާރުގެންގެ ބެންޗުގައި ހިމެނޭ އަލީ ރަޝީދުގެ މައްސަލަ ބަލަން ހުށަހެޅުމުން އެކަން ބެލިފައި ނުވާކަމަށެވެ.
ރައީސް ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ފުރަތަމަ ބެއްލެވި އަހްމަދު ހައިލަމް އެންމެ ފަހުވަގުތު ސަސްޕެންޑް ކުރުމަށް ފަހު އެމައްސަލަ ދެން ބެއްލެވީ 5 ގާޒީންގެ ބެންޗަކުންނެވެ.
އެބެންޗްގައި ތިއްބެވީ ގާޒީ އަލީ ރަޝީދު ހުސެއިނާއި، ގާޒީ އަހުމަދު ޝަކީލާއި ގާޒީ މުހައްމަދު ސަމީރާއި ގާޒީ އަލީ އާދަމް އަދި ގާޒީ ހުސެއިން ފާއިޒް ރަޝާދެއެވެ.
ލީކުވެފައިވާ އޯޑިއޯގައި ގާޒީ ހުސެއިން ފާއިޒް ވިދާޅުވާޏި، ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ހުކުމް ކުރީ އެންމެ ސަބަބެއް ކުރިމަތިވެގެން ނޫން ކަމަށާއި ބައިވަރު ސަބަބުތައް އެކަމުގައި އެބަހުރި ކަމަށެވެ. ނަމަވެސް ތަފްސީލެއް ދެވެން ނެތް ކަމަށް އޯޑިއޯގައި އޭނާ ވިދާޅުވޭއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ