ހެކި ބަސްދޭން ޖެހިލުންވިޔަސް ދައުވާ ނުކުރެވެންވީ ސަބަބެއް ނެތް: ރައީސް ނަޝީދު

މަރާލާފައިވާ މީހުންނާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބަލަމުން ދިޔަ މައްސަލަތަކުގައި ބަޔާން ދިން މީހުން ހެކި ބަސް ދޭން ޖެހިލުންވާ ކަމަށާއި އެ މައްސަލަތަކުގައި ދައުވާ ނުކުރެވެންވީ ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލިހަށް ފޮނުވާފައިވާ ސިޓީއާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވީ މަރުތަކާ ގުޅޭ ގޮތުން ބަލަމުން ދިޔަ މައްސަލައެއްގައި ހަތަރު ސިއްރު ހެކިވެރިއަކު އެ ކޮމިޝަނަށް ހާދިސާ ހިނގި ގޮތް ކިޔައި ދިން ކަމަށެވެ. އަދި އެ ބަޔާންތައް ދިންތާ ދިގު މުއްދަތެއް މިހާރު ހޭދަވެފައިވާތީ މިހާރު ކަންކަން އޮތް ގޮތުން ކޮމިޝަނަށް ބަޔާން ދޭން އެ ފަރާތްތަކުން ދެކޮޅު ހަދާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަމަވެސް ހެކިބަސް ދިނުމަކީ ގާނޫނުއަސާސީން ރައްޔިތުންގެ މައްޗަށް ވާޖިބްކޮށްފައިވާ ކަމަކަށްވުމާ އެކު، ހެކިބަސްދޭ ދެކޮޅު ހެދުމާއި ޝަރީއަތުގެ މަޖިލީހުގައި ކަންކަން ކިޔައި ދިނުމަށް ޖެހިލުންވުމަކީ ގާނޫނުއަސާސީގެ މަފްހޫމާއި، ތައާރަޒްވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން ގެއްލުވާލާފައިވާ މީހުންނާއި މަރުތަކުގެ މައްސަލައިގަ ކުރަންޖެހޭ ދައުވާތައް މިވަގުތުން ވަގުތަށްވެސް ނުކުރެވެންވީ ސަބަބެއް އޮތްކަމަށް ގަބޫލުކުރައްވަން ދަތި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އެގޮތަށް ވިދާޅުވެފައި ވަނީ މަރުގެ ކޮމިޝަން އަށް ބައެއް މީހުން މިހާރު ހެކިބަސް ދޭން ބޭނުން ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ