ސްކޫލް ޓީޗާސް ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ބިލަބޮންގް ހޯދައިފި

ކްރިކެޓް ބޯޑުން އިންތިޒާމްކޮށްގެން ބޭއްވި ފުރަތަމަ ސްކޫލް ޓީޗާސް ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ބިލަބޮންގް ހައި އީޕީއެސް އިންޓަނޭޝަނަލް ސްކޫލުން ހޯދައިފި އެވެ. ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ފައިނަލްމެޗް ބިލަބޮންގުން ކާމިޔާބުކުރީ އިމާދުއްދީން ސްކޫލާ ބައްދަލުކޮށް 102 ލަނޑުން މޮޅުވެގެންއެވެ. ފައިނަލްމެޗްގައި ޓޮސް ދިމާވުމުން ބިލަބޮންގް ކުޅެންއަރައި 8 އޯވަރުގެތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 148 ލަނޑުހެދިއެވެ. އޭގެ ތެރޭގައި ސެޝާން 82 ލަނޑު، ނެވީދު 54 ލަނޑު ހެދިއެވެ. ޖަވާބުގައި އިމާދުއްދީން ކުޅެންއަރައި 8 އޯވަރު ހަމަވިއިރު 5 ކުޅުންތެރިން ނުބައިވެގެން ހަދާފައިވަނީ 46 ލަނޑުއެވެ. އެންމެ ރަގަޅަށް ކުޅުނީ 20 ލަނޑު ހެދި ދޭވްދާސްއެވެ. ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި މިމަހުގެ ނުވަޔަކުން ދިހަޔަކަށް ބޭއްވި އެ މުބާރާތުގައި ޖުމްލަ އަށް ޓީމް ވަނީ ބައިވެރިވެފައެވެ. އެއީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް، ބިލަބޮންގް ހައި އިންޓަނޭޝަނަލް، އިމާދުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް، ސީއެޗްއެސްއީ، މުހިއްޔުއްދީން ސްކޫލް އަދި ދަރުމަވަންތަ ސްކޫލެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބިލަބޮންގެ ސެސާން އެވެ. އެންމެ މޮޅު އުކުންތެރިއަކަށް ހޮވުނީ އިމާދުއްދީން ސްކޫލުގެ ސެންތޯސްއެވެ. މިމުބާރާތަކީ ސްކޫލްތަކުގެ ޓީޗަރުންގެ މެދުގައި ގުޅުން ބަދަހިކުރުމަށްޓަކައި ބާއްވާ މުބާރާތެއް ކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ