ކުރިމިނަލް ކޯޓުން ކުރީގެ ރައީސުލް ޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް އިއްވާފައިވާ މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމުގެ ޙުކުމް ހައިކޯޓުން ދަމަހައްޓައިފިނަމަ ނުރަނގަޅު ނަތީޖާތަކެއް ނުކުންނާނެ ކަމުގައި އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެވެ. ކުރިމިނަލް ކޯޓުން ރައީސް ޔާމީނުގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އިއްވާފައިވާ 5 އަހަރު ދުވަހުގެ ޖަލު ހުކުމް، އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައިގައި މިއަދު އޮތް އަޑުއެހުމުގައި އެމަނިކުފާނުގެ ވަކީލުންގެ ފަރާތްޕުޅުން ވާހަކަދައްކަވަމުން އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޑރ.މުޙައްމަދު ޖަމީލު އަޙްމަދުވަނީ އެ ޙުކުމް މަތީ ކޯޓުން ދަމަހައްޓައިފިނަމަ ނުކުމެދާނެ ނުރަނގަޅު ނަތީޖާތައް ފާހަގަކުރައްވާފައެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަކަށް ފާހަގަކުރައްވާފައިވަނީ މިމައްސަލަ ދަމަހައްޓައިފިނަމަ ބޭނުން ގޮތަކަށް ޤާނޫނާ ޚިލާފަށް ތަޙުޤީޤު ހިންގުމަށްފަހު ދައުވާ އުފުލުމަކީ މައްސަލައެއް ނޫން ކަމުގައި އިސްތިޤުރާރުވާނެ ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ޖިނާއީ އިޖުރާއާތުގައި ތަހުޤީޤުކުރުމާއި ދައުވާ އުފުލުމާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ އުޞޫލުތަކަކީ ބޭކާރު ބޭނުމެއް ނެތް ކަންކަން ކަމުގައި ވެގެން ހިނގައިދާނެ ކަމުގައިވެސް ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، ހެކި ބަސް ނެގުމުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގައި އަމަލުކުރުމަށް ކަނޑައެޅި އިސްތިޤުރާރުވެފައި އުޞޫލުތައް އެކީ ނެތިގެން ހިނގައިދާނެ ކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި އޭގެ އިތުރަށް ކުށެއް އުފަންކުރި ފަރާތުން ކުށުގެ ޒިންމާއެއް އުފުލަން ނުޖެހި އެހެން ފަރާތަކުން އެޒިންމާ އުފުލަންޖެހުމަކީ އަމަލުކުރާ އުޞޫލެއްގެ ގޮތުގައި އިސްތިޤުރާރުވެގެން ހިނގައިދާނެ ކަމުގައިވެސް ވިދާޅުވިއެވެ. އެއާއެކު ރާއްޖޭގެ ކޯޓުގައި އެއް ފާސިޤަކު ދޭ ހެކި ބަހަށް އެހެން ފާސިޤެއްގެ ހެކި ބަހުން ބުރަދަން ލިބުމަކީވެސް އިސްތިޤުރާރުވާ އުޞޫލަކަށްވެގެން ހިނގައިދާނެ ކަމަށް ޑރ.ޖަމީލު ވިދާޅުވިއެވެ. އަދި ނުރަނގަޅު ނުފޫޒު ފޯރުވައިގެން ނަގާ ހެކި ބަހުގެ މައްޗަށް ބަރޯސާވުމަކީ ޤާނޫނީ ކޯޓުތަކުގައި އަމަލުކުރާ އުޞޫލަކަށްވުމަކީ އެކަށީގެންވާ ކަމެއް ކަމުގައިވެސް ޖަމީލު ފާހަގަކުރެއްވިއެވެ. އަދަބު ކަނޑައެޅުމުގެ ހަމަތަކާއި ހެކި ވަޒަންކުރުމުގެ އުޞޫލުތަކުގެ ބޭނުން ނެތިގެން ދިއުމަކީވެސް މި ޙުކުމް ދަމަހައްޓައިފިނަމަ ނުކުންނާނެ ނަތީޖާއެއް ކަމުގައި ޖަމީލު ވިދާޅުވިއެވެ. ހަމައެހެންމެ އެއް މައްސަލައެއްގައި ތުހުމަތުވާ ފަރާތްތަކާ މެދު ދައުވާކުރުމުގައި ތަފާތުކުރުމަކީ ޤަބޫލުކުރެވޭ އުޞޫލަކަށްވުމަކީވެސް އެކަށީގެންވާ ކަމެއް ކަމުގައި ވަކީލުން ފާހަގަކުރެއްވިއެވެ. އަދި އޭގެ އިތުރަށް ކުށެއް އުފަންވާ ވަގުތު ކުށެއް އުފަންވިކަން ނޭނގޭ ފަރާތްތަކަށް ކުށުން ބަރީއަވުމަށް އޮންނަ ޙައްޤުވެސް މިޙުކުމް ދަމަހައްޓައިފިނަމަ ގެއްލިގެން ހިނގައިދާނެ ކަމުގައި ޑރ.ޖަމީލު ވިދާޅުވިއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
100 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ދަށު ކޯޓުން ރައީސް ޔާމީނަށް އިއްވި ހުކުމް ދަމަހައްޓަފިނަމަ ގޯސް ނަތީޖާތަކެއް ނުކުންނާނެ: ވަކީލުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ