ކްރިމިނަލް ކޯޓުން ބޭރުކޮށްލި އަދީބުގެ ހަތް ދައުވާ އަލުން ބެލުމަށް ހައި ކޯޓުން އަމުރުކޮށްފި
އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލި ދައުވާތައް ބާތިލްކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި އެ މައްސަލަތައް އަލުން އެ ކޯޓުން ބަލަން ހައި ކޯޓުން ދެންމެ ހުކުމް ކޮށްފި އެވެ.ހައިކޯޓުން މިއަދު ނިންމީ ހިޔާނާތާ ގުޅިގެން އަދީބަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާއެއް ކްރިމިނަލް ކޯޓުން ބާތިލް ކޮށްފައިވަނީ ރަނގަޅު އިޖުރާއަތްތަކެއްގެ މައްޗަށް ނޫން ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގައި އެ ދައުވާތަކުގެ ޝަރީއަތް އަލުން ފެށުމަށެވެ.އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުލަތުން އުފުލާފައި އޮއްވާ ބޭރުކޮށްލީ ހިޔާނާތް ވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރައްވެއްވުމުގެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމުގެ ދައުވާއެކެވެ. އެމްއެމްޕީއާރްސީގެ މައްސަލަ އަލުން ތަހުގީގުކޮށް އަދީބުގެ މައްޗަށް ހަތް ދައުވާއެއް އުފުލި އެވެ. ނަމަވެސް ތަހުގީގުގެ ތެރެއިން ކުށަށް އިއުތިރާފުވުމާ ބެހޭގޮތުން ދައުލަތާއި އަދީބާ ދެމެދު ހެދި އެއްބަސްވުން ގޯސް ކަމަށް ނިންމައި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު ވަނީ އެ ހުރިހާ ދައުވާއެއް ބާތިލްކުރައްވައިފަ އެވެ. ދައުވާތައް އަލުން ބަލަން ހުކުމްކުރީ ކްރިމިނަލް ކޯޓުގެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކުރުން ބޭއްވި ޝަރީއަތަށް ފަހުގަ އެވެ.ހައި ކޯޓުން ވަނީ ދައުވާތަކާ މެދު ގޮތެއް ނިންމަންދެން ރިމާންޑް ޖަލެއްގައި އަދީބު ހައްޔަރުކޮށްފައި ބެހެއްޓުމަށް ވެސް އަމުރުކޮށްފަ އެވެ. މިގޮތަށް ހުކުމްކުރި އިރު ވެސް އަދީބު ހުރީ ޖަލުގައި ބަންދުކޮށްފަ އެވެ. އެއީ އިސްތިއުނާފަށް ހުށަހެޅި މައްސަލައާ މެދު ގޮތެއް ނިންމަންދެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ