ސިއްހީ ދާއިރާގެ ދިރާސާއެއް ކުރެވޭނީ ރީސާޗު ކައުންސިލްގެ ހުއްދަ ހޯދައިގެން

ސިއްހީ ދާއިރާގެ ސިއްހީ އަދި އިލްމީ ދިރާސާއެއް އެއްވެސް ފަރާތަކުން ކުރާނަމަ، އެފަދަ ދިރާސާއެއް ކުރަންވާނީ އެކަމުގެ ހުއްދައަށް އެދި ނޭޝަނަލް ހެލްތު ރިސާޗް ކައުންސިލަށް ހުށަހަޅައި، އެ ހުއްދަ ލިބިގެންކަން ހެލްތު މިނިސްޓްރީން އަނެއްކާ ވެސް ހަނދާންކޮށްދީފި އެވެ. ނޭޝަނަލް ހެލްތު ރިސާޗް ކައުންސިލަކީ ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން، ސިއްހީ ހިދުމަތްދޭ ތަނަކުން މެޑިކަލް ރިސާޗް ހެދުމުގައި ނުވަތަ ކްލިނިކަލް ޓްރަޔަލް ހެދުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތަކާއި، ސިއްހީ ދިރާސާއާގުޅޭ އާންމުއުސޫލުތައް ކަނޑައެޅުމުގެ ގޮތުން ހެލްތު މިނިސްޓްރީއަށް ލިބިގެންވާ ބާރުގެ ދަށުން އެކުލަވާލާފައިވާ ސިއްހީ ދިރާސާ ކުރުމާބެހޭ ގަވާއިދުގެ ދަށުން އެކުލަވާލާފައިވާ ކައުންސިލެކެވެ. ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގައި ބުނެފައި ވަނީ ސިއްހީ ހިދުމަތް ފޯރުކޮށްދޭ އެއްވެސް ތަނަކުން މެޑިކަލް ރިސާޗްގެ ބޭނުމަށް ނުވަތަ ކްލިނިކަލް ޓްރަޔަލެއްގެ ގޮތުގައި ހިދުމަތް ދޭން އެދޭނަމަ، އެކަން ކުރަންވާނީ، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން މިނިސްޓްރީއިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެ ގާނޫނުގައި ބުނެފައި ވަނީ ސިއްހީ ހިދުމަތް ފޯރުކޮށްދޭ އެއްވެސް ތަނަކުން ފޯރުކޮށްދޭ އެއްވެސް ހިދުމަތަކީ، މެޑިކަލް ރިސާޗް ނުވަތަ ކްލިނިކަލް ޓްރަޔަލެއްގެ ގޮތުގައި ދެވޭ ހިދުމަތަކަށްވާނަމަ، އެ ހިދުމަތެއް ފޯރުކޮށްދިނުމުގެ ކުރިން، ހިދުމަތް ލިބިގަންނަ ފަރާތަށް އެކަން ލިޔުމުން އަންގައި، އެކަމަށް އެފަރާތުގެ ރުހުން ހޯދަންވާނެ ކަމަށެވެ. އަދި އެފަދަ ދިރާސާތައް ކުރަންވާނީ، އެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން އެކަމަށް ހުއްދަ ހޯދުމަށްފަހު، އެ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި ރާއްޖޭގައި ކުރާ ސިއްހީ އަދި އިލްމީ ދިރާސާތަކުގެ ސުލޫކު ބެލުމަށް މިނިސްޓްރީގައި ކަމާބެހޭ ފަންނީ ކައުންސިލެއް އެކުލަވާލާފައި އޮންނަންވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ. ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭ ސިއްހީ ދިރާސާތައް ހެދުމުގެ ހުއްދަ ދިނުމަކީ ރީސާޗް ކަައުންސިލްގެ މަސްއޫލިއްޔަތެކެވެ. އެހެންކަމުން ކައުންސިލްގެ ހުއްދަ ހޯދުމަކާ ނުލައި އެފަދަ އެއްވެސް ދިރާސާއެއް ކުރުމަކީ ސިއްހީ ދިރާސާގެ ސުލޫކީ މިންގަނޑާ ހިލާފުކަމެކެވެ. "ވީމާ، ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ސިއްހީ ދިރާސާކުރުމާބެހޭ ގަވާއިދުގެ ދަށުން ސިއްހީ ދާއިރާގެ ސިއްހީ އަދި އިލްމީ ދިރާސާއެއް އެއްވެސް ފަރާތަކުން ކުރައްވާނަމަ، އެފަދަ ދިރާސާއެއް ކުރައްވަންވާނީ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ސިއްހީ ދާއިރާގެ ސިއްހީ ނުވަތަ އިލްމީ ދިރާސާ ކުރެއްވުމުގެ ހުއްދައަށް އެދި ނޭޝަނަލް ހެލްތު ރިސާޗް ކައުންސިލަށް ހުށަހަޅުއްވާ އެހުއްދަ ލިބިގެންކަމުގައި ހަނދުމަފުޅުކޮށް އަރުވަމެވެ." ސިއްހީ ދާއިރާގެ ސިއްހީ އަދި އިލްމީ ދިރާސާކުރާ ފަރާތްތަކަށް މިނިސްޓްރީން ފޮނުވި ސާކިއުލާގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ