ފާރިސްއަށް ހުކުމް އަންނައިރު ރިޝްވަތު ގިރައިގެން ބުއިކަމަށް އޮވެދާނެ: މައުމޫނު

ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށް ކޯޓުން ހުކުމް އަންނަ އިރު ރިޝްވަތު ގިރައިގެން ބުއިކަމަށް އޮވެދާނެކަމަށް ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ މިހާރު ރާއްޖޭގައި ކޮންމެ ދުވަހަކު މި ހިނގަނީ ސިޔާސީ ކޮމެޑީއެއް ކަމުގައެވެ.
އެގޮތުން ފާރިސްގެ ޝަރީއަތަށް އަލިއަޅުއްވާލައްވާ ރައީސް މައުމޫނު ވިދާޅުވީ ފާރިސް ހައްޔަރުކޮށް ތަހުގީގު ކޮށްފައިވަނީ މަޖިލިސް މެމްބަރުންނަށް ރިސްވަތު ދެއްވިކަމަށް ބުނެކަމުގައެވެ. ނަމަވެސް ފާރިސްގެ މައްޗަށް އެންމެފަހުން ދައުވާކޮށްފައިވަނީ ރިޝްވަތު ހިއްޕެވިކަމަށް ބުނެކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
ރައީސް މައުމޫނު ވިދާޅުވީ މިވަރުން ދާނަމަ ޝަރީއަތް ނިމި ހުކުމް އަންނަ އިރު ފާރިސް ރިޝްވަތު ގިރައިގެން ބުއިކަމަށްވެސް އޮވެދާނެ ކަމުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓާއި ގުޅިގެން މަޖިލިސް މެމްބަރުންނަށް ރިޝްވަތު ހުށައެޅުއްވި ކަމަށްބުނެ ފާރިސް ހައްޔަރު ކޮށްފައިވަނީ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ