ސައުދީން ހައްޖު ކޯޓާ އިތުރުކުރާނަމަ ރާއްޖެއަށް އިސްކަންދޭނެ: ޑރ.ޝަހީމް

ސައުދީ އަރަބިއާއިން އެއްވެސް ގައުމަކަށް ހައްޖު ކޯޓާ އިތުރުކޮށްދޭނަމަ، ދިވެހިރާއްޖެ އަށް އިސްކަންދޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑރ.ޝަހީމް ވިދާޅުވީ، މައްކާ އާއި މަދީނާގައި ތަރައްގީގެ މަޝްރޫއުތަކެއް ކުރިއަށްދާތީ ހައްޖު ކޯޓާ އިތުރުކުރުން ސައުދީ އަރަބިއްޔާއިން މިވަގުތު އޮތީ މަޑުޖައްސާލާފައި ކަމަށާއި އެހެންނަމަވެސް އެއްވެސް ގައުމެއްގެ ކޯޓާ އިތުރުކުރާނަމަ ރާއްޖޭގެ ކޯޓާ އިތުރުވެގެންދާނެ ކަމަށެވެ.
"ރާއްޖެއަށް އިރާދަކުރެއްވިއްޔާމުން ކޯޓާ އިތުރު ވެގެންދާނެ އެއްވެސް ގައުމަކަށް ކޯޓާ އިތުރު ކުރެވޭ ހާލަތުގައި. އަދި އޮތީ އެއްވެސް ގައުމަކަށް އިތުރު ނުކުރެވި" ވަޒީރު ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ދެމަފިރިން ހައްޖަށް ފުރޭނެ އިންތިޒާމު ހަމަޖެއްސުމަށް ހައްޖު ކޯޕަރޭޝަނުން މަސައްކަތް ކުރައްވާ ކަމަށާއި އަދި ކުންފުނިތަކާއި ގުރުއަތުން ހޮވޭ ފަރާތްތަކަށް ހައްޖުގެ ފުރުސަތު ލިބުމަކީ ރާއްޖޭގައި ވަރަށް ކުރީއްސުރެން ހިނގަމުން އަންނަ ކަންކަން ކަމެއްކަމަށާއި މި ސަރުކާރުން ވަނީ އެކަންކަން ހިނގާ މިންވަރު ވަރަށް ބޮޑަށް މަދުކޮށްފައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ