ދާންދޫ ކައުންސިލާއި ޔޫތު ސެންޓަރުން ކަރަންޓު ކަނޑާލައިފި

ގއ.ދާންދޫ ކައުންސިލު އިދާރާއާއި ކައުންސިލު އިދާރާއިން ބަލަހައްޓާ ބައެއް ތަންތަނުގެ ބިލުތައް ނުދައްކާތީ ކަރަންޓު ކަނޑާލައިފިއެވެ.
ދާންދޫ ކައުންސިލުގެ މެންބަރު އިސްމާއީލު މުހައްމަދު މިއަދު ވިދާޅުވީ ކައުންސިލު އިދާރާއާއި ޔޫތު ސެންޓަރު އަދި ކައުންސިލު އިދާރާއިން ބަލަހައްޓަމުން ގެންދާ ބަނދަރު މަތީގައި ހުންނަ ފެން ދޫކުރާ ތަނުން ވެސް އިއްޔެ މެންދުރު ދޭއް ޖެހި އިރުން ފެށިގެން ކަރަންޓު ކަނޑާލާފައިވާ ކަމަށެވެ.
ކައުންސިލުން ކަރަންޓު ކަނޑާލާފައިވާތީ ކައުންސިލުގެ ހުރިހާ ހިދުމަތްތަކެއް މެދުކެނޑިފައިވާ ކަމަށް ވެސް އިސްމައީލު ވިދާޅުވިއެވެ.
އިސްމާއީލު ވިދާޅުވީ ފިނޭންސް މިނިސްޓްރީން ފައިސާ ނުދީގެން މީގެ ކުރިން ކައުންސިލު އިދާރާއާއި، ކައުންސިލު އިދާރާގެ ދަށުން ބަލަހައްޓަމުން ގެންދާ ތަންތަނުގެ ކަރަންޓު ބިލުތައް ނުދެއްކި ގިނަ މަސްތަކެއް ވެފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް 1.8 މިލިޔަނެއްހާ ރުފިޔާ ފެނަކައަށް ދައްކަން ޖެހި ނުދައްކާ އޮތް ކަމަށް އިސްމާއީލު ވިދާޅުވިއެވެ.
ކައުންސިލު އިދާރާއާއި ޔޫތު މިނިސްޓްރީ އަދި ފެން ދޫކުރާ ތަނުން ކަރަންޓު ކަނޑާލި ނަމަވެސް ބަނދަރު ބައްތިތަކާއި، މަގު ބައްތިތައް އަދި ދާންދޫ މިސްކިތްތަކުން ކަރަންޓު ކަނޑާލާފައެއް ނުވެއެވެ.
"އަޅުގަނޑުމެން މިދަނީ އަތޮޅު ކައުންސިލާއި، އެލްޖީއޭއާއި ވާހަކަ ދައްކަމުން. ކޮންމެ ގޮތެއް ވިޔަސް ކަރަންޓު ނެތީސް ކައުންސިލު އިދާރާއިން ހިދުމަތް ދިނުމަކީ ދަތިކަމެއް،" އިސްމާއީލު ވިދާޅުވިއެވެ.
ދާންދޫ ކައުންސިލު އިދާރާގެ އިތުރުން މ.ކޮޅުފުށި ކައުންސިލު އިދާރާއިން ވެސްވަނީ ކަރަންޓު ކަނޑާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ