މާލިއްޔަތު ކޮމިޓީން މެމްބަރު ތޯރިޤް ބޭރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އިން ޕީޕީއެމްގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް މިއަދު ބޭރުކޮށްލައިފި އެވެ.
ތޯރިގްގެ ބަދަލުގައި އެ ކޮމެޓީ އަށް ހަމަޖެއްސީ ގައްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ރަޝީދެވެ.
އަދި އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ނިލަންދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ހަލީލްގެ ބަދަލުގައި ތިނަދޫ ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ އަހުމަދު ވަނީ ހަމަޖައްސައިފަ އެވެ. އަދި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ ބަދަލުގައި ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވެސް މާލިއްޔަތު ކޮމެޓީ އަށް ވަނީ ހަމަޖައްސައިފަ އެވެ.
މާލިއްޔަތު ކޮމިޓީއަށް ބޮޑެތި ބަދަލުތަކެއް ގެނެސް އެ ކޮމެޓީން ތޯރިގް ބޭރުކޮށްފައި މިވަނީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އަށް މަގާމުގެ ޒިންމާ ފުރިހަމަ އަށް އަދާ ނުކުރެވޭ ކަމަށް ވިދާޅުވެ، ޝައިނީގެ އިސްތިއުފާ އަށް ތޯރިގް ގޮވާލައްވާފައި ވަނިކޮށެވެ.
މާލިއްޔަތު ކޮމެޓީގައި ދެން ތިއްބަވާ މެމްބަރުންނަކީ ކޮމެޓީގެ މުގައްރިރު އަދި ވިލިމާލެ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ނިހާނާއި ވިލުފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު ރިޔާޒް ރަޝީދާއި އިނގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހީމް ފަލާހާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނެވެ.
މީގެ އިތުރުން ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ނާޝިދާއި ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޒިމާއި މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފާއި ކާށިދޫ ދާއިރާގެ ޖޭޕީގެ މެމްބަރު ފައިސަލް ނަސީމާއި ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރު ވެސް މާލިއްޔަތު ކޮމެޓީގައި ތިއްބަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ