ފެނިގެން ދިޔައީ އިތުބާރާއެކު ނިކުމެ ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ: ޝާހިދު

އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވަނީ އެމްޑީޕީގެ ކާމިޔާބީގެ ހަގީގީ ހިއްސާދާރުންނަކީ ޕާޓީގެ އާންމު މެންބަރުން ކަމަށެވެ. މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ލިބުނު ބޮޑު ކާމިޔާބީ އަކީވެސް އާއްމު މެންބަރުން ދެއްކި ސާބިތުކަމާއި، ވަރުބަލިކަމެއް ނެތި ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
އެމްޑީޕީގެ ކާމިޔާބީއަކީ ވަކިވަކި ފަރުދުންނަށް ވުރެ މާ މަތިވެރި، މާ ބޮޑު ކާމިޔާބީއެއްކަން އެމްޑީޕީގެ ރައީސް ވިދާޅުވެއެވެ. ޝާހިދު ވިދާޅުވި ގޮތުގައި މިފަހަރު ލިބިގެން ދިޔަ ކާމިޔާބީން ދައްކާދިނީ ރައްޔިތުން އެއްބައިވަންތަކަމާއެކު ނުކުމެ ދިވެހިރާއްޖެއަށް މިއަށްވުރެ ރަނގަޅު މުސްތަގުބަލެއް ހޯދައިދެވިދާނެ ކަމެވެ.
ގައުމަށް ހަގީގީ އުންމީދީ ބަދަލެއް ގެނެސް، އާ ސަފުހާއެއް ހުޅުވާލެވިދާނެކަން އެއްބައިވަންތަކަމާއެކު ރައްޔިތުން ނުކުމެ ސާބިތުކޮށްދީފި ކަމަށް ޝާހިދު ވިދާޅުވެއެވެ. ފެނިގެން އެ ދިޔައީ ފުރިހަމަ އިތުބާރާއި އެކު ނިކުމެ ކުރި މަސައްކަތުގެ ނަތީޖާކަން ޝާހިދު ފާހަގަކުރެއްވިއެވެ. 
ލޯކަލް ކައުންސިލް އިންތިހާބާއި ރެފްރެންޑަމްގައި އެހާބޮޑު ކާމިޔާބީއެއް ހާސިލުވުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވަފާތެރިކަމާއި ސާބިތުކަންމަތީ ހަރަކާތްތެރިވާ އެމް.ޑީ.ޕީގެ މެންބަރުން ރެޔާއިދުވާލު ކުރެއްވި މިންނެތް މަސައްކަތް ކަމަށްވެސް އެމްޑީޕީގެ ރައީސް ފާހަގަ ކުރެއްވިއެވެ. 
އޮނަރަބަލް ޝާހިދު މިމޭރުމުން ވާހަކަފުޅު ދައްކަވާފއިވަނީ ބައެއް ބޭފުޅުންނަށް ވާހަކަދައްކަވަން ފުރުސަތު ލިބިވަޑައި ނުގަނެގެން އެމްޑީޕީ ނުތަނަވަސް ކަމަކަށް ވެއްޓުނު ޖަލްސާގައި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުންނެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާ އޮތީ ހުސްވި ހަފްތާގެ އާދީއްތަ ދުވަހުގެރޭ މާލޭ އާޓިފިޝަލް ބީޗްގައެވެ. 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ