ބ.ތުޅާދޫ ހައުސިން ޔުނިޓްތަކަށް ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ބ.ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ފޯމް ހުށަހެޅުމުގެ މުއްދަތު ހައުސިން މިނިސްޓްރީން އިތުރުކޮށްފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނީ ތުޅާދޫ ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހިނގާ އޭޕްރިލްމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށެވެ. 
މި ފުރުޞަތު އިތުރުކޮށްފައިވަނީ ބ. ތުޅާދޫގައި އިމާރާތްކުރާ 100 ހައުސިންގ ޔުނިޓް ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުންނެވެ. ހައުސިންގ ޔުނިޓްތަކަށް އެދި ހުށަހަޅަންޖެހޭނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ޚާއްޞަކޮށްފައިވާ "ހިޔާވެހި ޕޯޓަލް" (https://hiyaavehi.housing.gov.mv) މެދުވެރިކޮށެވެ. 
ތުޅާދޫ ހައުސިންގ ޔުނިޓުތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއެއްގެ ގޮތުގައި މީގެ ކުރިން ދީފައިވަނީ މިއަދުގެ ނިޔަލަށެވެ. މައްސަލަބޮޑުވެފައިވާ ތުޅާދޫ ހައުސިން ޔުނިޓްތައް ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ނަގާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ.
ތުޅާދޫ ހައުސިން ޔުނިޓްތަކަށް އެދުމުގެ ފުރުސަތު އަލުން އިތުރުކޮށްފައި މިވަނީ މީގެ ކުރިން ކައުންސިލުން އެ ޔުނިޓްތައް ދޫކުރަން ހުޅުވާލައި ޔުނިޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓުވެސް ނެރެ އެކަމާ ގުޅޭ މައްސަލައެއް ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ބަލަމުންދަނިކޮށެވެ.
ޅާދޫގައި ތަރައްޤީކުރި ރޯހައުސްތަކަށް ރައްޔިތުންގެ ތެރެއިން 623 ހަށްވުރެ ގިނަ މީހުން ލާފައިވާއިރު، އެރަށުގައި ދިރިއުޅެމުންދާ އެހެން ރަށްރަށަށް ނިސްބަތްވާ 100 އެއްހާމީހުން ފޯމް ލިއެވެ. މި ރޯހައުސްތައް ނިންމިތާ ދެ އަހަރަށްވުރެ ގިނަދުވަސް ވެފައިވާއިރު، އެތަންތަން އިމާރާތްކުރަން ފަށާފައިވަނީ، 2019 ވަނަ އަހަރެވެ. މި ޔުނިޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްފައިވަނީ ޕްރިސިޝަން އިންޖީނިއަރިން ސާވިސަސްއާއި ފްލްކްސްއިންކް ޕްރައިވެޓް ލިމިޑެޓް ގުޅިގެން އުފެއްދި ކުންފުންޏަކުންނެވެ.  މަޝްރޫޢުގެ އަގަކީ 79.6 މިލިއަން ރުފިޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ