ގާސިމް އިބްރާހިމް ގެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފި

ދައުލަތުގެ ވަކީލުން ހާޒިރު ނުވުމުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް އުފުލާފައިވާ ތިން ދައުވާވެސް ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފިއެވެ.
ގާސިމްގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އޭނާގެ ވަކީލުން އެދިފައިވާތީ އެކަމާ މެދު ގޮތެއް ނިންމުމަށް މިރޭ 7:00 އަށް ކްރިމިނަލް ކޯޓުގައި އަޑުއެހުން ވަނީ ތާވަލްކޮށްފައެވެ.
އެހެންނަަމަވެސް, ގާސިމާއި އޭނާގެ ވަކީލުން ކޯޓަށް ހާޒިރުވިއިރު، ދައުލަތުގެ ވަކީލުން މިރޭ ކޯޓަށް ހާޒިރުވެފައެއް ނުވެއެވެ. މައްސަލަ ބާތިލްކުރީ ދައުލަތުގެ ވަކީލުން ޝަރީއަތަށް ހާޒިރުވޭތޯ ދޮޅު ގަޑިއެއްހާއިރު އިންތިޒާރުކުރުމަށްފަހުއެވެ.
އެ މައްސަލަ ބައްލަވަމުން ގެންދެވީ ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުންނެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ރިޔާސަތުގައި އިންނަވާއިރު، ދެން އެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ގާޒީ އާދަމް އާރިފާއި, ގާޒީ އަހުމަދު ޝަކީލެވެ.
ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ ވިދާޅުވީ ދައުލަތުގެ ވަކީލުން ކޯޓަށް ހާޒިރުވެވަޑައިގެންފައިނުވާއިރު، ހާޒިރުވެވަޑައިނުގަތް ސަބަބެއް ޕީޖީ އޮފީހުން އަންގާފައި ނުވާ ކަމަށެވެ.
ގާސިމްގެ މައްޗަށް ކުރާ ތިން ދައުވ އަކީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭންހުރި މީހަކަށް ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ