މަދަމާ ފާހަގަކުރާ ދުނިޔޭގެ ޑިމޮކްރެސީގެ ދުވަހާއި ކުރިމަތިލާއިރު ރާއްޖޭގެ ޑިމޮކްރެސީގެ ހާލަތު އޮތީ ވަރަށް ނިކަމެތިކޮށްކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ޑިމޮކްރަސީ އެބަ އޮތްތޯވެސް ސުވާލު އުފައްދަވަމުން ކުނޫޒުގައި މިރޭ ބޭއްވި އިދިކޮޅު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ ރާއްޖޭގައިވެސް ޑިމޮކްރަސީ ދުވަސް ފާގަހަ ކުރާއިރު ރާއްޖޭގައި މިހާރު ޑިމޮކްރަސީ އޮތީ ވަރަށް ނިކަމެތި ހާލަތެއްގައި ކަމުގައެވެ.
ޑިމޮކްރަސީ މަޖިލީހާއި ޝަރުއީ ނިޒާމު މިނިވަން ކަމަމާއި އެކު މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި ނަމަވެސް ރާއްޖޭގައި މިހާރު މި ދެ ބާރު އޮތީހައިޖެކް ކޮށްފައިކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ރައީސް މައުމޫނުވަނީ އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދާ އިސްލާހީ މަސައްކަތްތައް ކާމިޔާބު ވަމުންދާ މަންޒަރު ފެންނަމުން ދާކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގެ ހެތްކަކީ ސަރުކާރާއި ގުޅިފައިވާ ފަރާތްތަކުން މޮޔަ ކަންކަން ކުރަމުން ގެންދިއުންކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
އެގޮތުން އިސްލާހީ މަސައްކަތަށް ނިކުތް 54 ވަކީލަކު ސަސްޕެންޑް ކުރުމަކީ ކޮށްފައިވާ މޮޔަކަމެއް ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
މީގެ އިތުރުން ދަރިކަލުން ފާރިޝް މައުމޫނަށް ކޮށްފައިވަނީ ބާތިލް ދައުވާއެއްކަމަށާއި ރައީސް ނަޝީދާއި ޤާސިން އިބްރާހިމްގެ މައްޗަށް ހުކުމްކޮށްފައިވަނީ އުސޫލާއި ހިލާފަށް ކަމަށާއި ކާނަލް ނާޒިމްއާއި ޝައިޚް އިމްރާނަށްވެސް ހުކުމް ކޮށްފައިވަނީ ނުކުރާ ކުށަކަށްކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
އަދި ގާސިމް އިބްރާހިމްގެ ބޭސްފަރުވާގެ މުއްދަތަ ފަހުން ސަރުކާރުން ދިން ދިހަ ދުވަހުގެ މުއްދަތަކީ ފެންބިވައި ގެންފައިވާ މީހަކަށް ބޮޑުތައްޓަކަށް ފެން އެޅުމަށްފަހު ތިއްކަކުން ތިއްކަން ފެން ދިނުންފަދަ ކަމެއްކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
ރާއްޖޭގެ ޑިމޮކްރެސީގެ ހާލަތު ވަރަށް ނިކަމެތި: ރައީސް މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ