ގަން އެއާޕޯޓުގެ ފިއްތުންތަކާއި ހެދި ފްލައިން ސްކޫލް ހުއްޓާލަނީ!

ސ. ގަމުގައި ލަންކާގެ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް އިން ހިންގަމުން އަންނަ ފްލައިން ސްކޫލަށް ގަން އިންޓަނޭނަޝަނަލް އެއާޕޯޓް ކުންފުނީގެ ފިއްތުންތަކާއި ހެދި ކުރިއަށް ގެންދަން އުނދަގޫވެގެން އެތަން ލަންކާއަށް ބަދަލު ކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ހަބަރު ލިބިއްޖެއެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފްލައިން ސްކޫލް ބަންދުކޮށް އެތަނުގެ އޮޕަރޭޝަން ލަންކާއަށް ބަދަލު ކުރުމަށް ނިންމީ އެތަން ކުރިއަށް ގެންދިއުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތި ކުރުމުންނެވެ.
ފްލައިން ހިންގެވުމާއި ހަވާލުވެ ހުންނެވި ހެޑްއޮފް ޓްރެއިނިން އަދި ޗީފް ފްލައިޓް އިންސްޓްރަކްޓާ ކެޕްޓަން ސުރަންޖަން ޑި ސިލްވާ ވިދާޅުވީ ސްކޫލް ބަންދުކުރުމަކީ އެތަނުގައި ކިޔަމުން އަންނަ ދަރިވަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ގެއްލުމެކެވެ.
އެ ސްކޫލްގައި މިވަގުތު ގިނައިން ކިޔަވަމުން ދަނީ ދިވެހި ކުދީންނެވެ. ނަމަވެސް އިންޑިއާ، ލަންކާ، ޗައިނާގެ ދަރިވަރުންވެސް އެތަނުގައި ކިޔަވަމުން އެބަގެންދެއެެވެ.
2010 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު ހުޅުވި، މި ސްކޫލުން ގިނަ ދިވެހި ދަރިން ކިޔަވަމުން އަންނަ އިރު އެމެރިކާއަށް ގޮސް ބޮޑު ހަރަދުގައި ކިޔެވުމުގެ ބަދަލުގައި ގަމުގައި ހުންނަ ފްލައިން ސްކޫލުން އަގުހެޔޮކޮށް ގިނަ ކުދިން އަންނަނީ ކިޔަވަމުންނެވެ.
ސްރެންޖެން ވިދާޅުވީ މިހާރު ކުރިއަށްދާ ކޯހުގައި އަވަހަށް ނިމެން ހުރި ކުދިން ނިންމުމަށްފަހު ދެން ހުރި ކުދިން ތައް ތައް ޖެހޭނީ ލަންކާއަށް ބަދަލުވާށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފްލައިން ސްކޫލް ހުއްޓާނުލައި ގަމުގައި ކުރިއަށް ގެންދިއުމަށް އެތަނުގެ ވެރިން މަސައްކަތް ކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އަދި މިކަމުގައި ސަރުކާރުގެ އެންމެ އިސްވެރިންނާއި އެކުވެސް މަޝްވަރާ ކުރެވިފައިވާ ކަމަށް މައުލޫމާތު ލިބިއެވެ.
ފްލައިން ސްކޫލް ލަންކާއަށް ބަދަލު ކުރުމަށް ނިންމާފައިވަނީ އެތަނުން އިތުރަށް ޖާގަ ބޮޑުކުރުމަށް ބިންދޭން ގަން އެއާޕޯޓް ކޮމްޕެނީން ބޭނުން ނުވާތީއާއި ބިމުގެ ކުލި އިންތިހާއަށް ބޮޑު ކުރުމުންނެވެ. އަދި އެކި އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތިކޮށް އެތަނަށް ހުރަސް އަޅަމުންދާތީއެވެ.
ފްލައިން ސްކޫލުން ޕްރައިވެޓް ޕައިލޮޓް ލައިސެންސް، (ޕީޕީއެލް)، ސީޕީއެލް ވިތް ފްރޯޒަން އޭޓީޕީއެލް، މަލްޓި އިންޖިން ރޭޓިން، ފްލައިޓް އިންސްޓްރަކްޓާ ރޭޓިން ހެދޭއިރު މިތަނުގެ މަގްބޫލްކަން ދިވެހި ކުދިންގެ މެދުގައި މިހާރުވަނީ ވަރަށް ބޮޑުވެފައެވެ.
ގަމުގެ ފްލައިން ސްކޫލްގައި 75 ދަރިވަރަކު ޕައިލެޓް ކޯސް ހަދަމުންދާ އިރު އޭގެ ތެރޭގައި ގިނަ އަދަދެއްގެ އައްޑޫ ކުދިން ހިމެނެއެވެ.
"އައްޑޫލައިވް" އާއި ވާހަކަ ދެއްކި ސިވިލް އެވިއޭޝަންގެ އޮފިޝަލަކު ވިދާޅުވީ ފްލައިން ސްކޫލް ބޭރުކުރުމުގެ މަސައްކަތަކީ ސިޔާސީ ކަމެއް ކަމަށެވެ. އަދި މިތަން ލަންކާއަށް ބަދަލު ކުރުމަކީ އަމިއްލަ ގައުމުގައި ތިބެގެން ކިޔަމަުން އަންނަ ދިވެހި ކުދިންނަށް ދެވޭ ބޮޑު އަނިޔާއެއް ކަމަށެވެ.
"މިކަމަކީ ސީދާ ސިޔާސީ ކަމެއް. އެތަނުގެ ވެރިން ވަރަށް މަސައްކަތް ކޮށްފި. މި ސްކޫލް ގަމުގައި ހިންގުމަށް އެކަމަކު ސަރުކާރުން ބޭނުމެއް ނުވޭ މިކަން ކުރުމަކަށް" އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ މިކަމަކީ އައްޑޫ ރައްޔިތުން ނިކުމެ ހުއްޓުވަން ޖެހިފައިވާ ކަމެކެވެ.
"މީ އަސްލު އައްޑޫ ރައްޔިތުން އެކަޗެއް ކިޔައިގެން ނިކުމެ ހުއްޓުވަންވީ ކަމެއް. މިތަނުގެ ސަބަބުން އައްޑޫއާއި ރާއްޖެއަށް އެތައް ފައިދާއެއް އެބަލިބޭ. މީ ކުރިމަގުގައިވެސް ބޮޑު ކުރިއެރުމެއް ހޯދާނެތަނެއް. އެމެރިކާއަށް ވިސާ ހޯދުމަކީ ވަރަށް ބޮޑު ތަކްލީފެއް. އެހެންވެ ބޭރު ގައުމުތަކުންވެސް މިތަނަށް އަންނަނީ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ