ރާއްޖޭގެ ރައްޔިތުން މައުމޫނަކަށް ޕީޕީއެމްއަކަށް ޔާމީނަކަށް ނޭދޭ - ނަޝީދު

ރާއްޖޭގެ ރައްޔިތުން ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމަށާއި ޕީޕީއެމްއަށާއި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ނޭދޭ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު ފުރަތަމަ ފަހަރަށް ރާޅުގަނޑު ސަރަހައްދުގައި ގިނަ އަދަދެއްގެ ބަޔަކާއިއެކު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދިގު ތިރީސް އަހަރުގެ ތަޖުރިބާތައް އިއާދަކުރުމަށާއި ޖަލުގައި އަނިޔާވެރިވުމަށާއި ދީނީ ދަންނަބޭކަލުން ހިފާ ހައްޔަރުކުރުމަށާއި ބުނެވޭ އެއްޗަކުން ދިގުމުއްދަތަކަށް އަރުވާލާކަށް ދިވެހި ރައްޔިތުން ނޭދޭ ކަމަށެވެ.
"ރާއްޖޭގެ ރައްޔިތުން ނޭދޭ ރައީސް މައުމޫނަކަށް، ރާއްޖޭގެ ރައްޔިތުން ޕީޕީއެމްކަށް ނޭދޭ، އަބްދުﷲ ޔާމީނަކަށް ނޭދޭ، ރާއްޖޭގެ ރައްޔިތުންނަށް އެވާހަކަ އޮޅުން ފިލާކަށް އުނދަގުލެއް ނުވާނެ، އެއީ 50،000 ވޯޓުގެ ޕާޓީއެއް." ރައީސް ނަޝީދު ވިދާޅުވި އެވެ.
ޕީޕީއެމްއިން އެކި ޕާޓީތަކާއި މަޝްވަރާކުރަމުންދާތީ އެކަމާއި ބެހޭގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޕީޕީއެމް ވެރިކަމުގެ މަސްލަހަތަށްޓަކައި ބައެއް ބޭފުޅުންނާއި ވާހަކަދައްކަވާ ހަދާނެ ކަމަށާއި ނަމަވެސް "ނަގޫ ގޮއްޖެހޭނީ އަޅުގަނޑަށް ފެންނަ ފެނުމުގައި އެބޭފުޅުން އެބޭފުޅުންނަށް ކަމަށެވެ.
އަދި އެއީ ރައްޔިތުންގެ މެދުގައި ވެވޭ އިއްތިހާދެއް ނޫން ކަމަށާއި ދިވެހި ރައްޔިތުންނާއި ގުޅިފައި އޮތީ އެމްޑީޕީ އާއި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިމީހާއަކީ ވަރުބަލިވާނެ މީހެއް ނޫން، މިމީހާއަކީ ފަހަތަށް ޖެހޭނެ މީހެއް ނޫން، އަޅުގަނޑު އިރާދަކުރެއްވިއްޔާ ދާނީ ބާރަށް ކުރިއަށް، ކުރިއަށް ކުރިއަށް ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އިންތިހާބު ކާމިޔާބުކުރާނަން." ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމަނިކުފާނެއް ވަރުބައްޔެއް ނުވާނެ ކަމަށާއި "ވައްޓާވެސް ނުލެވޭނެ ކަމަށާއި "ވައްޓާލާވަރަށް ވުރެ އަވަހަށް ތެދުވެ ދުއްވައިގަންނާނެ ކަމަށެވެ.
95،000 ވޯޓު އެމްޑީޕީން ނަގައިގެން ރާޅުގަނޑަށް އައިސްދާނެ ކަމަށް އެމްޑީޕީ އާއި އިދިކޮޅު ފަރާތްތަކުން ނުދެކޭ ކަމަށާއި މި ނަތީޖާގެ ސަބަބުން އެމްޑީޕީ އާއި ވާދަވެރިން އަޖައިބުވެ އަންތަރީސްވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ރޭވެސް އެފަރާތްތަކުން ލޮލު ފިޔައެއް ނުޖައްސަވާ ކަމަށާއި މިރޭވެސް އެ ފަރާތްތަކުން ލޮލު ފިޔައެއް ނުޖައްސަވާނެ ކަމަށެވެ.
މިރޭގެ ޖަލްސާގައި އެމްޑީޕީއަށް ވަނީ ޒުވާނުންތަކެއް ސޮއިކޮށްފައެވެ. މިރޭ އެމްޑީޕީއަށް ސޮއިކޮށްފައިވަނީ ބޮޑީ ބިލްޑަރުންތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ