ނަޝީދުގެ ވާހަކަތައް ގާސިމް ކުށްވެރިކުރައްވައިފި

ރާއްޖޭގެ ސަލާމާތީ ބާރުތަކުގެ އިތުބާރު ގެއްލޭ ގޮތަށް އަދި ރާއްޖޭގެ ނަމާއި އަބުރަށް ހުތުރުވާގޮތަށް އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިގިރޭސިވިލާތުގެ ނޫހަކަށް އިންޓަވިއުއެއް ދެއްވާފައިވާތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެކަން ކުށްވެރި ކުރައްވައިފި އެވެ.
މުހައްމަދު ނަޝީދުގެ މިއަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާކަމަށް ވިދާޅުވެ ގާސިމް އިބްރާހިމް މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ އެއްވެސް ފަރާތަކުން ރާއްޖެ ބަދުނާމުވާ ގޮތަށް އަދިވަކިން ހާއްސަކޮށް ރާއްޖޭގެ ދިފާއީ ބާރުތަކުގެ އަގު ވެއްޓޭގޮތަށް އެއްވެސް އަމަލެއް ހިންގައިގެން ނުވާނެ ކަމަށެވެ. ގައުމުގެ މުއައްސަސާތަކުގެ އިތުބާރާ ހައިބަތު ގެއްލޭ ގޮތަށް މިފަދަ ނޭއްގާނީ ވާހަކަ ދެއްކުމަކީ އެންމެ މަތީ ދަރަޖައިގެ ޚާއިނުންގެ ސިފައެއް ކަމުގައި ވެސް ވިދާޅުވެފައިވެ އެވެ.
އިނގިރޭސިވިލާތުގެ އިންޑިޕެންޑެންޓް ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ނަޝީދު ވިދާޅުވީ އިރާގާއި ސީރިޔާގައި ހަނގުރާމަކުރަމުންދާ އައިއެސްއާ ގުޅިގެން ރާއްޖޭގެ 200 އެއްހާ މީހުން ހަނގުރާމަ ކުރަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ ކުރިން ސަލާމަތީ ބާރުތަކުގައި މަސައްކަތްކޮށްފައިވާ މީހުން ކަމަށް ވެސް ނަޝީދު ވަނީ ތުހުމަތުކުރައްވާފަ އެވެ.
ނަޝީދު ވިދާޅުވީ ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ މީހުންގެ އަމަލުތައް ރާއްޖޭގައި ވަރަށް ވަރުގަދަ ވަމުންދާ ކަމަށާއި އެމީހުންގެ ބާރު ފުލުހުންނާއި ސިފައިންގެ ތެރެއަށް ވެސް ވަދެފައިވާ ކަމަށެވެ.
"މިވާ ގޮތަކީ ޓްރެއިނިން އަށް އެމީހުން [އައިއެސް] އިން މީހުން [ހަނގުރާމަ ވެރިން] ނަގަނީ. ނަގާފަ ޓްރެއިން ކޮށްފަ އެމީހުން ބޭރަށް ހަނގުރާމަ ކުރަން ފޮނުވާލަނީ. އެމީހުން އަސްކަރިއްޔާ މި ބޭނުން ކުރަނީ ތަމްރީނުވާން،" ނަޝީދު ވިދާޅުވެފައިވެ އެވެ.
އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ޖިހާދުގެ ނަމުގައި ހަނގުރާމަ ކުރަމުންދާ ގްރޫޕްތަކާއި ދިވެހި ފުލުހުންނާއި ސިފައިންނާއި ގުޅުންވެސް އޮންނަ ކަމުގަ އެވެ.
"ސިފައިންނާއި ފުލުހުންގެ ތެރޭގައި އެމީހުންގެ ބާރު އޮތްކަމަކީ ސާފުކޮށް އެނގޭ ކަމެއް، އެ ދެ މުއައްސަސާގެ މަގާމުތަކުގައި އެފަދަ މީހުން އެބަ ހަރަކާތްތެރިވޭ،" ނަޝީދު ވިދާޅުވެފައިވެ އެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިފަދަ ކަންކަމާއި ދެކޮޅަށް މަސައްކަތް ކުރާވަރަށް ވުރެ ބަލިކަށި ކަމަށެވެ. އަދި އައިއެސްގެ ދިދަ ބޭނުންކޮށްގެން ރާއްޖޭގެ މަގުމަތީގައި ހަރަކާތްތައް ހިންގާއިރު އެކަން ހުއްޓުވަން ސަރުކާރުން އެއްވެސް މަސައްކަތެއް ކުރާ ތަން ނުފެންނަ ކަމުގައި ވެސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑަށް މިހާރުވެސް ހީވަނީ ދިވެހި ފުލުހުންނާއި ސިފައިން ތިބީ އައިސިސްގެ ދަށުގަ ހެން. އަދި ރާއްޖޭގައި ހައްދުފަހަނަ އަޅާފައިވާ މީހުން ހަމަނުޖެހުން އުފައްދާނެ. އަޅުގަނޑު އެކަމަކަށް ޝައްކެއް ނުކުރަން،" ނަޝީދު ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ