ގުޅީފަޅުގައި ބިނާކުރަމުންދިޔަ ފްލެޓުތަކުގެ މައްސަލައަށް އަވަސް ހައްލެއް ހޯދާ އެތަނުން ފްލެޓު ގަނެފައިވާ ފަރާތްތަކަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ސަރުކާރަށް ގޮވާލައްވައިފި އެވެ.
އެމަނިކުފާނު މިކަމަށް ގޮވާލައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވި އިމާރާތްކުރުމާއި ބެހޭ ބިލްގެ ބަހުސްގަ އެވެ.
ބިލްގެ ބަހުސްގައި މާމިގިލީ ދާއިރާގެ މެމްބަރު ކަންވެސް ކުރައްވަމުން ގެންދަވާ ގާސިމް އިބްރާހިމް ވަނީ ރައްޔިތުންނަށް ދަތިވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމުގެ ބަދަލުގައި މަޖިލީހަށް ބިލްތައް ހުށަހެޅުމުން ފެނިގެންދާ ނަތީޖާއާއި މެދު ސުވާލު އުފައްދަވާފަ އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ގުިފަޅުން ފްލެޓު ގަނެފައިވާ ފަރާތްތަކަށް ދިމާވެފައިވާ މައްސަލަ އަވަސް ގޮތަކަށް ހައްލު ކޮށްދިނުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ސަރުކާރުން މަޝްރޫއެއް ކުރިއަށް ގެންދިއުމުގައި ހަދާފައިވާ އުސޫލުތަކާއި ގަވާއިދުތައް ބަދަލުކުރުމަކީ ކުރެވިދާނެކަމެއް ކަމަށެވެ. އެހެންނަމަވެސް އެފަދަ ކަންކަން ކުރާއިރު އަނިޔާ ލިބޭ ނުވަތަ ގެއްލުން ލިބޭ ފަރާތަށް އެކަށީގެންވާ ފަރުވާއާއި ހައްލު ހޯދައިދިނުމަކީ ގާނޫނު އަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ލާޒިމުކޮށްފައިވާ ކަމެއް ކަމަށްވަތީ އެކަން ސަރުކާރުން ކޮށްދޭންޖެހޭ ކަމަށެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ގުޅިފަޅުގައި ހަދަމުންދާ ފްލެޓްތަކަށް ބަޔަކު ފައިސާ ދެއްކީ ކުރީގެ ސަރުކާރަށް އެނގި ސަރުކާރުގެ ކުންފުންޏަކުން ބުނުމުން ކަމަށެވެ. ނަމަވެސް އެތަންތަނަށް ފައިސާ ދެއްކި 216 އާއިލާއަކަށް އެ މީހުން ފައިސާ ދެއްކި ފްލެޓްތަކާއި މެދު މިހާރުގެ ސަރުކާރުން އަމަލުކުރަނީ ކިހިނެއް ކަމެއް ނޭގޭ ކަމަށާއި އެހެންކަމުން އެމީހުން ބިކަވެ މަގުމަތިވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
"ލާރި ދެއްކި މީހުން އެދަނީ އެ މީހުންގެ އާއިލާތައް ބިކަވަމުން ދިއުމުން އެއް ދޮރުން އަނެއް ދޮރުން ސަލާން ޖަހަމުން އެމީހުންގެ އާދޭސްތައް ހިއްސާކުރަމުން. އެހެންދާއިރު ވެސް ސަރުކާރުން އަޅައެއް ނުލާ. ސަރުކާރުން ބުނަމުން ދަނީ އިމާރާތް ކުރެވިފައި ހުރި ފެންވަރު ރަނގަޅެއް ނޫނޭ، ކޮލިޓީ ރަނގަޅެއް ނޫނޭ. އެތަނުގައި އިމާރާތްކޮށްފައިވަނީ ކުރީ ސަރުކާރުން ދޫކޮށްފައިވާ އެންވަޔަރުމަންޓު ރިޕޯޓެއްގެ ދަށުން. މި ސަރުކާރުން ބުނާކަމަށް އެބަ އަޑު އަހަން އެތަނަކީ މީހުން ދިރިއުޅެން ސިއްހީ ގޮތުން ރައްކާތެރި ނޫންކަމަށް. މިހެން ކަންކަން ދާއިރު އެކަމަށް ސަރުކާރުން އަޅާނުލާކަން ރޭގައި ގުޅީފަޅުން ފްލެޓު ގަތް މީހުން ވަނީ އަޅުގަނޑުމެންނާއި ހިއްސާކޮށްފައި،" ގާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އެކިކަންކަމާއި ގުޅުންހުރި ބިލްތައް ސަރުކާރުން ފޮނުވަންވާނީ އެގޮތަށް މައްސަލަތައް ކުރިމަތިވެފައިވާ ރައްޔިތުންގެ އަޑުއަހާ އެމީހުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށްފަހު ކަމަށެވެ.
އިމާރާތްކުރުމާއި ބެހޭ ބިލާއި ގުޅޭ ގޮތުން ގާސިމް އިބްރާހީމް ވިދާޅުވީ އެ ބިލު އެކުލަވާލާފައިވަނީ ރާއްޖޭގެ ހާލަތާ އެކަށީގެންވާ މިންވަރަށް ވުރެ މާފުޅާކޮށް ކަމަށެވެ. އަދި ބިލް މިހާރު ފަރުމާކުރެވިފައިވަނީ އިމާރާތް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ކުންފުނިތައް ނެތިގެންދާ ގޮތަށް ކަމަށްވެފައި އެއީ ބަޔަކަށް ދެވޭ ގެއްލުމަކަށްވާތީ އެ ބިލް ކޮމިޓީއަކަށް ފޮނުވުމުގެ ބަދަލުގައި އަނބުރާ ފޮނުވާލުމަށްވެސް ގާސިމް އެދިވަޑައިގެންނެވި އެވެ.
"އަޅުގަނޑު ކުރުކޮށް ދަންނަވާނަމަ ދަންނަވަން އޮތީ ކޮމިޓީ ލެވަލްގައި މިބިލް އިސްލާހުކުރުމަށްވުރެ މާގިނަ މަސައްކަތް އެބަހުއްޓޭ. މިއީ ޓެކްނިކަލް މަސައްކަތަކަށްވެފައި ޕްރޮފެޝަނަލް މަސައްކަތަކަށް ވާހިނދު އަޅުގަނޑަށް ފެންނަނީ މިބިލް އަނބުރާ ފޮނުވާލަން. އެއްގޮތަކަށްވެސް މިއީ ފާސްކުރަން ހެޔޮވާވަރުކަމެއް ނޫން،" ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިބިލް މިހާރު ފަރުމާކުރެވިފައިވާ ގޮތުން އަތޮޅު ތެރޭގައި އާދައިގެ ގެއެއް އަޅާ މީހަކަށްވެސް ބޮޑެތި ތަކްލީފް ތަކެއް އުފުލަން ޖެހޭނެ ކަމަށެވެ. އަދި ބިލް އޮތް ގޮތް ރާއްޖޭގެ އުމުރާނީ ކުރިއެރުން ފަހަތަށް ޖެހި އެތައް ބަޔަކު ގާނޫނާ ހިލާފުވުމުގެ ކަންބޮޑުވުން އޮތުމުން އެ ބިލް މިހާރު އޮތް ގޮތަށް ފާސްކުރަން އެއްގޮތަކަށްވެސް ތާއީދުނުކުރައްވާ ކަމަށާ ރާއްޖެއާ ގުޅޭގޮތަށް ބިލް އިސްލާހު ކުރުމަށްވެސް އެދިވަޑައިގެންނެވި އެވެ.
ގުޅިފަޅުގެ ފްލެޓްތަކަށް ފައިސާ ދެއްކި އާއިލާތަކަށް އަވަހަށް ހައްލެއް ހޯއްދަވައިދެއްވުމަށް ގާސިމް އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ