ތައިލޭންޑްގެ އިންތިހާބް ބާތިލްކުރަން އެގައުމުގެ ކޯޓުން ދެކޮޅު ހަދައިފި

ތައިލޭންޑްގެ އާއްމު އިންތިހާބް ބާތިލްކުރަން އެގައުމުގެ އިދިކޮޅު ފަރާތްތަކުން ހުށައެޅި މައްސަލަ އެގައުމުގެ ކޯޓުން ބޭރުކޮށްލައިފިއެވެ.
އިންތިހާބް ބާތިލްކުރަން ހުށައެޅި މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ އެގައުމުގައި ބޭއްވި އާއްމު އިންތިހާބް ކުރިއަށް ގެންގޮސްފައިވަނީ އެކަމަށް އެންމެ ރަނގަޅު މާހައުލެއް ގައި ނޫންކަމަށާއި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ކަމަށް ބުނެ ބެންކޮކުގެ ބޮޑު ބައެއްގައި ކުއްލި ހާލަތުން އިއުލާނު ކުރުމަކީ އެކަން ސާބިތުކޮށްދޭ ހެއްކެތް ކަމަށް ބުނެއެވެ.
ތައިލޭންޑްގެ އިންތިހާބާ ބެހޭ ގާނޫނު ބުނާގޮތުން މިފަދަ ހާލަތުގައި އިންތިހާބް ބާތިލްކޮށް ދެން ޖެހޭނީ އަނެއްކާވެސް އަލުން ވޯޓްލާންށެވެ.
އެހެންނަމަވެސް މި މައްސަލަ ބޭރުކޮށްލަމުން އެގައުމުގެ ކޯޓުން ބުނެފައިވަނީ އިންތިހާބް ބާއްވާފައިވަނީ ގާނޫނާ ހިލާފަށްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ހުށައެޅި މައްސަލައިގައި އެކަށީގެންވާ ހެއްކެއް ހުށައަޅާފައި ނުވާކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އިންތިޚާބުގެ ނަތީޖާ އިއުލާން ކުރާނީ ހުރިހާ ހިސާބެއްގައި ވެސް ވޯޓުލުން ބޭއްވުމަށް ފަހު ކަމަށެވެ. ތައިލެންޑުގެ އިލެކްޝަންސް ކޮމިޝަނުން ބުނީ އެގައުމުގެ ގިނަ ސަރަހައްދުތަކެއްގައި ވޯޓުލުން އަދި ކުރިއަށް ގެންދެވިފައި ނުވާ ކަމަށާއި، އިންތިހާބު ނުބޭއްވޭ ސަރަހައްދުތަކުގައި އިންތިހާބު ބޭއްވުމަށް އަދި ދުވަސްތަކެއް ނަގާނެ ކަމަށެވެ.
މިހާރުގެ ސަރުކާރު އޮވެ އެގައުމުގައި ބާއްވާ އިންތިހާބުގައި ބައިވެރިނުވާނެކަމަށާއި އިންތިހާބުގެ ކުރިން އެގައުމަށް ސިޔާސީ ގޮތުން ރިފޯމް އަންނަން ޖެހޭނެކަމަށް ބުނެ މި އިންތިހާބުގައި އިދިކޮޅު ފަރާތްތަކުން ބައިވެރިވެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ