ކުރީ ރޯދަ މަހާ އަޅާބަލާއިރު މި ރޯދަ މަހު ކަރަންޓު ދާލެއް މަދު: ފެނަކަ

ކުރީ ރޯދަ މަސްތަކާ އަޅާބަލާއިރު މި ރޯދަ މަހު ރަށްރަށުން ކަރަންޓު ދާލެއް މަދު ކަމަށް ރާއްޖޭގެ ގިނަ ރަށްރަށުގައި ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް މިއަދު ވީނިއުސް އަށް ވިދާޅުވީ އާއްމު ގޮތެއްގައި ރޯދަ މަސްތަކުގައި ގިނައިން ކަރަންޓު ދިޔަ ނަމަވެސް އެ މައްސަލަ މިހާތަނަށް ދިމާވެފައިވަނީ ތިން ރަށެއްގައި ކަމަށެވެ. އެއީ ނ. ވެލިދުއާއި ލ. ގަމާއި އައްޑޫގަ އެވެ.
ނިމާލް ވިދާޅުވީ މިދިޔަ އަހަރާއި 2012 ވަނަ އަހަރު 20-25 ފަހަރު ބައެއް ރަށްރަށުން ކަރަންޓު ދިޔަ ނަމަވެސް މި އަހަރުގެ ރޯދަ މަހު ކަރަންޓު ދަނީ ވަރަށް މަދު ފަހަރެއްގައި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރޯދަ މަހާ ގުޅުވައިގެން ރަށްރަށުގައި ކަރަންޓުގެ މައްސަލަ ދިމާވިޔަ ނުދިނުމަށް ކުރިން ފެނަކައިން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން ކަރަންޓުގެ މައްސަލަ އާއްމުކޮށް ދިމާވާ ރަށްރަށަށް ރޯދައަށް އާ ޖަނަރޭޓަރު ފޮނުވާފައިވާ ކަމަށް ވެސް ނިމާލް ވިދާޅުވި އެވެ.
"ކުރީ ރޯދަ މަސްތަކުގައި 100 ރަށުން ކަރަންޓު ދާނަމަ މިހާރު ދަނީ ދެތިން ރަށަކުން. އެހެންވެ، މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް،" އޭނާ ވިދާޅުވި އެވެ.
ނިމާލް ވިދާޅުވީ މި ރޯދަ މަހު ކަރަންޓު ދިޔަ ރަށްރަށަށް ވެސް އިތުރު ޖަނަރޭޓަރު ފޮނުވައިގެން މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ. އެކަމަކު ލ. ގަމު ތުނޑީ އަވަށަށް ދިމާވެފައިވާ މައްސަލަ މުޅިން ހައްލު ކުރެވޭނީ ރޯދަ މަހުގެ ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ.
ފެނަކައިން ނިންމާފައިވަނީ ތުނޑީއަވަށާއި މާހިންނަ އަވަށުގެ ކަރަންޓު އެއް ކޮށްލުމަށެވެ. އެކަމަކު އެކަމަށް 12،00 މީޓަރުގެ ކޭބަލް ގުޅަން ޖެހޭތީ މަސައްކަތުގެ ގޮތުން އެކަން ކުރެވޭނީ ރޯދައިގެ ފަހުން ކަމަށް ފެނަކައިން ބުންޏެވެ. ދެ އަވަށުގެ ކަރަންޓު އެއްކޮށްލުމުގެ މަސައްކަތަށް ބޭނުންވާ ސާމާނު އެ ކުންފުނިން މިހާރު ވަނީ ގަމަށް ފޮނުވާފަ އެވެ.
ނިމާލް ވިދާޅުވީ ރަށްރަށުގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް 77 ޖެނެރޭޓަރު ޗައިނާއިން ގެނައުމަށް މިހާރު ބޯޓަށް އަރުވާފައިވާ ކަމަށާއި އޮގަސްޓު މަހުގެ ތެރޭގައި އެ ބޯޓު މާލެ އައިސް މަސައްކަތް ފެށޭވަރު ވާނެ ކަމަށެވެ.
"މި ޖަނަރޭޓަރުތައް ގެނެސް ހިދުމަތް ދޭން ފެށުމުން ކަރަންޓުގެ މައްސަލަ ވަރަށް ބޮޑަށް ހައްލު ވާނެ. އެކަމަކު އިންޖީނެއް ނިވިގެން ކަރަންޓު ނުދާނެއެކޭ ނުދަންނަވާނަން،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ